އޮސްޓްރޭލިއާގެ ސެނެޓުގައި ބޭއްވި މުހިންމު ބަހުސެއްގައި، ވެސްޓަން އޮސްޓްރޭލިއާގެ އަމިއްލަ މެންބަރެއް ކަމަށްވާ ސެނެޓަރު ފާތިމާ ޕޭމަން އޭނާގެ ހަ މަހުގެ ތުއްތު އަންހެން ދަރިފުޅު އުރައިގެން ވާހަކަދައްކަވައިފިއެވެ.
މިއަދުގެ ބަހުސަކީ އިންޓަނެޓުގެ ޒަރީއާއިން ލިބޭ ގެއްލުންތަކަށް ޓެކްނޮލޮޖީގެ ބޮޑެތި ޕްލެޓްފޯމްތައް ޒިންމާދާރުކުރުވުމަށް އެކުލަވާލާފައިވާ "އޮންލައިން ސޭފްޓީ އެމެންޑްމަންޓް (ޑިޖިޓަލް ޑިއުޓީ އޮފް ކެއާ) ބިލް 2026" އާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ ބަހުސްގައެވެ.
ފާތިމާ ޕޭމަން އޭނާގެ ދަރިފުޅު އަލިޔާ އުރައިގެން ވާހަކަދައްކަވަމުން ގެންދެވި ވަގުތު، އޭނާގެ ފަހަތުގައި އިންނެވި މެންބަރަކު އެ ތުއްތު ކުއްޖާއާ ލޯބިން ސަމާސާކުރައްވަމުން ގެންދެވި މަންޒަރު ވީޑިއޯއިން ފެނިގެންގޮސްފައިވެއެވެ.
މިއަހަރުގެ ކުރީކޮޅު ވިހެއުމާ ގުޅިގެން، ފާތިމާ ވެގެން ގޮސްފައިވަނީ ޕާލަމެންޓުގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް ވިހެވި ވެސްޓަން އޮސްޓްރޭލިއާގެ ފުރަތަމަ ސެނެޓަރަށެވެ. މީގެ ކުރިންވެސް އޭނާ ވަނީ މައިވަންތަކަމުގެ ޒިންމާތަކާއި ޕާލަމެންޓުގެ މަސައްކަތްތައް އެއްހަމައެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ފާޅުގައި ވާހަކަދައްކަވާފައެވެ. އަދި މެއި މަހު ވިހެއުމަށްފަހު، އެކި ފަހަރު މަތިން އޭނާ ވަނީ ދަރިފުޅާއެކު ޗެމްބަރަށް ވަޑައިގެންފައެވެ.
އޮސްޓްރޭލިއާގެ ސެނެޓުގެ ގަވާއިދުތަކަށް 2016 ވަނަ އަހަރު ގެނެވުނު ބަދަލުތަކުގެ ދަށުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އެބޭފުޅުންގެ ތުއްތު ދަރިން ޗެމްބަރުގެ ތެރެއަށް ގެނައުމުގެ ހުއްދަ އޮވެއެވެ. މިއީ ކުރީގެ އުސޫލުތައް ބަދަލުކުރުމަށް ކުރެވުނު ގިނަ މަސައްކަތްތަކަކަށްފަހު ދެވުނު ލުޔެކެވެ.
އޮސްޓްރޭލިއާގެ ފެޑެރަލް ޕާލަމެންޓަށް 2022 ވަނަ އަހަރު އިންތިހާބުވި ފާތިމާ ޕޭމަން އަކީ އެ ގައުމުގެ ޕާލަމެންޓަށް އިންތިހާބުވި ބުރުގާ އަޅާ ފުރަތަމަ މުސްލިމް އަންހެން މެންބަރެވެ. އޭނާއަކީ މިހާރު އަލަށް އުފައްދާފައިވާ "އޮސްޓްރޭލިއާސް ވޮއިސް" ޕާޓީގެ ލީޑަރުވެސް މެއެވެ. ސިޔާސީ މަސައްކަތުގެ މައިދާނުގައި އަންހެނުންނާއި މައިންނަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ފާތިމާގެ މި ފިޔަވަޅަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.



