މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑްގެ ފުލީޓާއި އަލަށް ގުޅޭ، އެންމެ އާ ޕެޓްރޯލް އުޅަނދު އިމާދުއްދީން، އެމްއެންޑީއެފް ގެ ބޭކަލުންނާއި އެކު ރާއްޖެ އަށް އައުމަށް މިހާރު އޮސްޓްރޭލިއާ އިން ފުރައިފި ކަމަށް ޚަބަރު ލިބިއްޖެއެވެ.
ބެލެވޭ ގޮތުގައި މި އުޅަނދު ހިނގަމުންދާ ޖޫން މަހުގެ 15 އާއި 17 އާ ދެމެދު ރާއްޖެ އަށް އަންނާނެއެވެ.
އިމާދުއްދީނަކީ އޮސްޓްރޭލިއާގެ ޕެސިފިކް މެރިޓައިމް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން އޮސްޓްރޭލިއާގެ ބޯޓު ބިލްޑަރު އޮސްޓަލް އޮސްޓްރޭލިއާ އިން އުފައްދާފައިވާ ގާޑިއަން ކްލާހުގެ ޕެޓްރޯލް ބޯޓެކެވެ.
މި އުޅަނދު ރާއްޖެ އާއި ހަވާލުކޮށްފައިވަނީ 19 އޭޕްރީލް 2026 ގައި ހުޅަނގު އޮސްޓްރޭލިއާގެ އެޗް.އެމް.އޭ.އެސް ސްޓަރލިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ޕެޓްރޯލް ބޯޓުގެ ދިގުމިނަކީ 39.5 މީޓަރެވެ. ގާތްގަނޑަކަށް 4،000 ކިލޯވޮޓް ދެއިންޖީނު އަޅާފައިވާ މި އުޅަނދު އެމްއެންޑީއެފް އިން މެރިޓައިމް ސަވައިލެންސް އާއި މަސްވެރިކަން ހިމާޔަތްކުރުމާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ބޯޑަރު ސެކިއުރިޓީ އަދި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ޕެޓްރޯލް ކުރުމަށް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.









