އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމުކުރާ "ޕިންކް ރިބަން ރަން ނުވަތަ ވޯކް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި ހަރަކާތުގައި ކެންސަރު ތަހައްމަލުކުރާ ފަރާތްތަކާއި، ބަލިން ސަލާމަތްވެފައިވާ މީހުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ އިތުރުން އާންމުން ބައިވެރިވުމަށް އެސޯސިއޭޝަނުން އިލްތިމާސްކުރެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ރިސޯޓުތަކުގެ އިތުރުން މާލޭގެ މާފަންނު ކުޅިވަރު އެކުވެނި ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުން ލިބޭ ހުރިހާ ޗެރިޓީ ފައިސާއެއް ބޭނުންކުރާނީ އާންމުން ހޭލުންތެރިކުރުވުމަށާއި ހިލޭ ކެންސަރު ސްކްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށެވެ. ސީއެސްއެމްއިން ހާމަކުރާ ގޮތުގައި އަހަރަކު އެވްރެޖްކޮށް 50 ރަށެއްގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ކޮލިރެކްޓަލް އަދި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީންކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ.
މި ހަރަކާތުގެ ތެރެއިން ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ނުވަތަ މި ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާނުގައި ހާއްސަ ބިބް ބޭނުންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މިއީ މުޅި މުޖުތަމައު ގުޅިގެން ކެންސަރު ބައްޔާ ދެކޮޅަށް އަޑުއުފުލައި، ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް މުހިންމު ގައުމީ ހަރަކާތެކެވެ.









