ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް ހޯދައިފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 31 ޖެނުއަރީ 2026 10:47
ސްޕެެއިންގެ ސައިންސްވެރިންތަކެއް ވަނީ ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް ހޯދައިފަ---
ސްޕެެއިންގެ ސައިންސްވެރިންތަކެއް ވަނީ ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް ހޯދައިފަ---
ޚުލާސާ

ޕެންކްރިއެޓިކް ކެންސަރަކީ އިންސާނުންނަށް ޖެހޭ އެންމެ ނުރައްކާތެރި އަދި ފަރުވާ ހޯދަން ދަތި އެއް ބަލިކަމުގައި ވަނީ ބެލެވިފަ

ފަރުވާކުރުމަށް އެންމެ އުނދަގޫ އަދި ނުރައްކާ ޓިއުމަރު އުފެދޭ ކެންސަރު ކަމަށްވާ ޕެންކްރިއެޓިކް ކެންސަރު ނައްތާލުމަށް "ތިން ތެރަޕީއެއް އެއްކޮށްގެން" ކާމިޔާބު ހޯދިދާނެ ކަމަށް ސްޕެއިންގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ. 

ޕެންކްރިއެޓިކް ކެންސަރަކީ އިންސާނުންނަށް ޖެހޭ އެންމެ ނުރައްކާތެރި އަދި ފަރުވާ ހޯދަން ދަތި އެއް ބަލިކަމުގައި ވަނީ ބެލެވިފަ އެވެ. މި ބައްޔަށް ދެވޭ ފަރުވާތަކަށް ހަށިގަނޑު ހޭނި، ބޭހުގެ ބާރު ކެނޑުމަކީ ބަލި ފަސޭހަކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ސްޕެއިންގެ ނޭޝަނަލް ކެންސާ ރިސާޗް ސެންޓަރު (ސީއެންއައިއޯ) އިން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދެއްކި ގޮތުގައި ތިން ބޭހެއް އެއްކޮށްލައިގެން އުފެއްދި އާ ފަރުވާއަކުން މީދަލެއްގެ ގައިން ޕެންކްރިއެޓިކް ޓިއުމަރުތައް މުޅިން ނައްތާލެވުނެވެ. އެގޮތުން ތިން ދިމާއަކަށް އެއްފަހަރާ ހަމަލާދިނުމުން، ޓިއުމަރުތައް ދާއިމީކޮށް ކުޑަވާކަން ވަނީ ކަށަވަރުވެފަ އެވެ. އަދި ފަރުވާ ނިމުނު ފަހުން ވެސް، މީދާތަކުގެ ހަށިގަނޑުން ކެންސަރު އަލުން ފެނިފައެއް ނުވެ އެވެ.

ސްޕެއިންގައި އެކަނިވެސް އަހަރަކު 10,300 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭއިރު، ފަސް އަހަރުގެ މުއްދަތަކަށް ދިރިހުރުމުގެ ފުރުސަތު ލިބެނީ އެންމެ 10 އިންސައްތަ މީހުންނަށެވެ. އެހެންކަމުން، ބޭހަށް ނުގުޑުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭ މި އާ ހޯދުމަކީ ބަލީގެ ނުރައްކާ ކުޑަކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ދެެކެ އެވެ.

މިއީ ކެންސަރުގެ ފަރުވާގައި ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، ސައިންސްވެރިން ވަނީ އިންސާނުންނަށް މި ފަރުވާ ދޭން ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކޮށްފަ އެވެ. ސައިންސްވެރިން ބުނާގޮތުގައި، އިންސާނުންގެ ހަށިގަނޑުގައި މި ފަރުވާ ތަހުލީލުކުރަން ފެށުމުގެ މަރުހަލާއަށް ދިއުމަށް އަދި ވަގުތު ބޭނުންވާނެ އެވެ.

ކޮންމެއަކަސް، މި ހޯދުމުގެ ސަބަބުން ޕެންކްރިއެޓިކް ކެންސަރަށް ދާއިމީ ފަރުވާއެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އާ ދިރުމެއް ލިބި، ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ތަހުލީލުތަކަށް ވަނީ އުންމީދީ މަގެއް ފެނިފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%