އުރަމަތީގެ ކެންސަރު ސްކްރީނިންގ ހެދުން ފަސްނުކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. ބަލި ކުރީބައިގައި ދެނެގަނެވުމަކީ ފަރުވާގެ އިތުރު ފުރުސަތުތައް ލިބި، ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ "ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެންސަރ ކެއަރ" މި ޝިއާރުގެ ދަށުން ބޭއްވި، އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ 7 ވަނަ އަހަރީ ސިމްޕޯޒިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އުރަމަތީގެ ކެންސަރަކީ ރާއްޖޭގައި ސިއްހީގޮތުން ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވަމުން، އުރަމަތީގެ އަންނަ ބަދަލުތަކަށް ސަމާލުކަންދީ، އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް އަންހެނުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ.
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ފަންނުވެރިކަމުގެ އެހީގައި ޑައިގްނޯސްޓިކް ހިދުމަތްތައް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރައްވަމުން، ބަލީގެ ކުރީކޮޅުގައި ކުދިބަދަލުތައްވެސް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދެނެގަނެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރަންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގެ އޮންނަ ޖަޒީރާ މާހައުލުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ހުންނަ ދަތިތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ބަލިމީހަކަށްވިޔަސް، ދުރުމިނުގެ ސަބަބުން ފަރުވާ ހޯދުމަށް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ. އަދި ބަލިމީހުން ޑޮކްޓަރަށް ދެއްކުމުގެ ނިޒާމު (ރެފަރަލް ޕާތުވޭ) ހަރުދަނާކޮށް، އުރަމަތީގެ ކެންސަރަށް ހާއްސަ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލެއްވިއެވެ.
މީގެއިތުރުން، އުރަމަތީގެ ކެންސަރުގެ ފަރުވާއަކީ މެޑިކަލް ފަރުވާގެ އިތުރުން، ފަރުވާ ހޯދާ މުއްދަތުގައި ބަލިމީހުންނަށް ސާފު މައުލޫމާތާއި، ކަރާމާތާއި، އޯގާތެރިކަމާއި، ނަފްސާނީ އެހީތެރިކަން ލިބެންޖެހޭ ފަރުވާއެއްކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.




