ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް ނިމި، މުޅި މުބާރާތުން އެންމެ ފާހަގަކޮށްލެވޭ ފަހުރުވެރި ރަންވަނަތައް އިސްމާއީލް އިޒުއާން އިބްރާހީމް، އާއިޝަތު ޒީކް ރިޔާޒް އަދި އާޔަން އަހްމަދު އިނާން ހާސިލްކޮށްފިއެވެ.
މުބާރާތުގެ ހާފިޒުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އިސްމާއީލް އިޒުއާން އިބްރާހީމް ހާސިލްކުރިއިރު، ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އާއިޝަތު ޒީކް ރިޔާޒްއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ އާޔަން އަހްމަދު އިނާންއެވެ.
މިއަހަރުގެ މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސަރުކާރުންނާއި އެކި މުއައްސަސާތަކުން ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕް ހިމެނެއެވެ. މީގެއިތުރުން އިސްލާމިކް އެފެއާޒް، ޒަކާތު ހައުސް އަދި އައިޑީބީ ގުޅިގެން ދޭ 75,000 ރުފިޔާގެ ފައިސާގެ އިނާމާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވުނު އުމްރާ ދަތުރުވެސް ހިމެނެއެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ކީރިތި ގުރުއާނަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ވާދަވެރިކަން އޮންނަންވާނީ ތަޤްވާވެރިކަމުގެ ކަންކަމުގައި. އެހެންވީމާ އެންމެ މަތީ އިނާމު ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމުގެ ރޭންކަށް،"
ރައީސުލްޖުމްހޫރިެްޔާ ޑރ. މުހައްމަދު މުއިއްޒު
މިއީ ގުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ.
މި ފަހުރުވެރި މުބާރާތުގެ ރަންވަނަތައް ހޯދި ފަރާތްތަކަށް އިނާމުތަކާއި ތަށިތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސްވެރިންގެ އިތުރުން ގުރުއާނަށް ލޯބިކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.









