ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އިން ސައިކަލެއްގައި އެހެން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭނުގައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 2:20 ހާއިރުއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން، ސައިކަލެއްގައި އިން މީހަކު ބްރިޖުގެ އެއްފަރާތުގައި މަޑުކޮށްގެން އިންދާ، ފަހަތުން ދުއްވާފައި އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް އެ ސައިކަލުގައި ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައި ސައިކަލު ދުއްވަން އިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ވިއްސާރަ ދުވަސްވަރު މަގުތަކާއި ހައިވޭ އަދި ބްރިޖު ފަދަ ތަންތަނުގައި ވިޒިބިލިޓީ ދަށްވުމާއި މަގުމަތީގެ ތެތްކަމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގުން އިތުރުވާތީ، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބްރިޖުމަތީގައި ނުރައްކާވާ ގޮތަށް މަޑުނުކުރުމަށް އަދި ސައިކަލު ދުއްވާއިރު ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.







