ރާއްޖޭގެ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ހިއްސާއެއް އަދާކުރާ ގައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ ތަހުނިޔާގެ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުއްހަމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ޝާހީ އާއިލާއަށާއި އެގައުމުގެ އެންމެހާ ރައްޔިތުންނަށް އިހްލާސްތެރި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތީ އެތައް ސަތޭކަ އަހަރެއްވީ ބަދަހި ގުޅުމެކެވެ. އަދި މިއީ ދެ ގައުމުގެ އިސްލާމީ ވަހުދަތާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ރަޙުމަތްތެރި ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސައުދީއިން ރާއްޖޭގެ އިޖުތިމާއީ އަދި އިދގްތިސާދީ ކުރިއެރުމަށް ދެމުންދާ އެންމެހާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ސައުދީ އަރަބިއްޔާއަކީ ރާއްޖެއަށް އެކި ރޮނގުތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން ދިވެހިންނަށް ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ދޭ ލުއިފަސޭހަތަކާއި، ދީނީ ދާއިރާއިން ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް މުޢިއްޒު ވަނީ މެސެޖު ނިންމަވާލައްވަމުން ސައުދީ އަރަބިއްޔާއަށް އިތުރު ހަމަޖެހުމާއި، ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.