"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" (ސީއާރުޕީޑީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން، މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް އެކްސެސިބިލިޓީ، ފެމިލީ އެންޑް ވެލްފެއަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހު. ނިންމަވައިފިއެވެ. އަދި ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި އޮޕްޝަނަލް ޕްރޮޓޮކޯލަކީ 5 އެޕްރީލު 2010 ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ބެހޭ މުއާހަދާއިން، ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދީ ހައްގުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުހިންމު ބައިނަލްއަގުވާމީ ވަސީލަތެކެވެ. ޕރޮޓޯކޯލް އެކުލަވާލާފަ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި މުއާހާދާގެ މެމްބަރު ގައުމުތައް ޒިނަމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމިުގެ މަގުސަދުގައިއެވެ. އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވި ނަމަވެސް، އިހުތިޔާރީ ޕްރޮޓޮކޯލްގައި ކުރިން ބައިވެރިވެފައެއް ނުވެއެވެ. އަދި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ރިވިއުތަކުގައި، މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް ރާއްޖެއަށް ގިނަ ރިކޮމެންޑޭޝަންތަކެއް މީގެ ކުރިންވެސް ވަނީ ލިބިފައެވެ.
މި ޕްރޮޓޮކޯލްގެ ދަށުން މުއާހަދާ ތަންފީޒުކުރުން ހަރުދަނާކުރުމަށް މުހިންމު ދެ ނިޒާމެއް ކަނޑައަޅާފައިވެއެވެ. ފުރަތަމަ ނިޒާމަކީ، ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ގެއްލިއްޖެ ހާލަތެއްގައި، ގައުމީ ފެންވަރުގައި ލިބިދޭ ގާނޫނީ މަރުހަލާތައް ފުރިހަމަކުރުމަށްފަހު، އެކަމާ ގުޅޭ "އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް" ޝަކުވާ އދ. ގެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ނިޒާމެކެވެ. ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، މެންބަރު ގައުމަކުން މުއާހަދާގައި ބަޔާންކުރާ ހައްގަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެކަމާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިގެންދެއެވެ.








