އަމީނީ މަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި އެމްޓީސީސީން މިއަދު ހެނދުނު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ސެގްމަންޓުގައި ދެ ފަށަލައަށް ތާރު އަޅާފައިވާއިރު، ތާރު އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އިއްޔެ ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައި، މިއަދު ހެނދުނު ވަނީ މުޅިން ނިންމާލާފައެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވާ ގޮތުގައި ތާރުއަޅާ ނިމުމުން، ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމާއި، މަގު ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. މި މަޝްރޫއަކީ އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާ ގުޅިގެން އެ ސަރަހައްދު މަރާމާތު ކުރުމަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ. އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އޮތް ސަރަހައްދެވެ.

އެމްޓީސީން ބުނީ ފުރަތަމަ ސެގްމަންޓުގެ ފިނިޝިންގ މަސައްކަތްތައް ނިމުމާއެކު، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަހައްދުގައި ތާރުއެޅުމެވެ.