ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށާއި، ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމަށް ބާރުއެޅުމުގެ ގޮތުން، އެ ސިޓީގައި އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް މާލީ އެހީއެއް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން މިއަދު އާންމުކުރި "އަލަށް އުފަންވެ، ތިނަދޫ ސިޓީގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް އިނާމެއް ކަނޑައެޅުމުގެ އުސޫލު" ގައިވާ ގޮތުން، މި އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖޭގައިވެސް އާބާދީ އިތުރުވާ ނިސްބަތް ދަށްވަމުންދާތީ އެކަމަށް ހައްލެއް ހޯދުމެވެ.
މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ތިނަދޫގެ ރަށްވެހިންނަށް ލިބޭ ކުދިންނަށް ހާއްސަ ކެޓަގަރީ އޭ ގެ ދަށުން 1,500 ރުފިޔާ އަދި އެހެން ރަށެއްގެ މައިންބަފައިންނަށް ލިބޭ ކުދިންގެ ތެރެއިން ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިންނަށް ހާއްސަ ކެޓަގަރީ ބީ ގެ ދަށުން 2,000 ރުފިޔާއެވެ. އެންމެ ފަހަރަކު ދެވޭ މި މާލީ އެހީ ލިބޭނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންގެ އިތުރުން، އެހެން ރަށެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ސިޓީ ކަމުގައިވާ ނަމައެވެ.
އުސޫލުގައިވާ ގޮތުން ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުންނެވެ. އަދި ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސްދުވަހުގެ ތެރޭގައި ތިނަދޫ ސިޓީ ކައުންސިލަށް އެހީ ހޯދުމަށް ހުށަހަޅަންޖެހޭނެއެވެ. މި އެހީ ދިނުމުގައި ކުއްޖާގެ މަންމަ ނުވަތަ ބައްޕައަކީ ތިނަދޫ ރަށްވެހިއަކަށް ވާންޖެހޭއިރު، މައިންބަފައިންނަކީ ތިނަދޫގެ ބަޔަކަށް ނުވި ނަމަވެސް، ކުއްޖާ ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ކަމުގައިވާނަމަވެސް މި އެހީއަށް އެދެވޭނެއެވެ.








