މަސްވެރިންނަށް ހާއްސަ އަގެއްގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން މިހާރު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭގެ ސީދާ އަސަރު ރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ އަދި ހާއްސަކޮށް ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ މިފަދަ ގޮންޖެހުންތަކާއެކުވެސް މަސްވެރިކަމުގެ ސިނާޢަތަށް ލޮޅުން ނާންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭހެން ޖުމްލަ 15 ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. އޭގެ ތެރޭގައި އަލަށް އިތުރުކުރެވުނު 11 ސަރަހައްދުވެސް ހިމެނެއެވެ. މިހާތަނަށް މި އިންތިޒާމް ހަމަޖެހިފައި ނުވަނީ ހަމައެކަނި ރ. އަތޮޅާއި ތ. އަތޮޅުގައެވެ.
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސަރަހައްދުތައް:
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ރ. ދުވާފަރު
- ބ. އޭދަފުށި
- ޅ. ފެލިވަރު
- ކ. ހިންމަފުށި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ އަދި މީދޫ
- ގދ. ތިނަދޫ
- ގއ. ކޫއްޑޫ
- ފުވައްމުލައް ސިޓީ
- ސ. ހުޅުމީދޫ
- ހުޅުމާލެ ޖެޓީ
ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5،000 ލީޓަރުގެ ތެޔޮ ދޫކުރެއެވެ. އަދި 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3،000 ލީޓަރު ދޫކުރާއިރު، 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1،500 ލީޓަރުގެ ތެޔޮ މިފްކޯ މެދުވެރިކޮށް ދޫކުރަމުންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.









