ގދ. ތިނަދޫގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދާ ސްވިފްޓް އިންޖިނިއަރިންގ ކުންފުނިން ކައުންސިލްގެ ހުއްދައެއް ނެތި އެ ރަށު ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އަޅާފައިވާތީ، އެ ކުންފުނި ޖޫރިމަނާކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ތިނަދޫ ސިޓީ ކައުންސިލުން ހުށަހަޅައިފިއެވެ.
އެ ރަށުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންދަނީ މި ކުންފުންޏަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲގެ ކުންފުންޏެވެ.
ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ސަރަހައްދުގައި އޮތް 6،923 އަކަފޫޓުގެ ކުޅިއަށް ޑީ-ވޯޓަރިން ކުރުމުގެ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނައީ އެ ރަށު ޒުވާނުންގެ ބަޔަކު ކަމަށެވެ. އަދި ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުޅިއަށް ސްވިފްޓް އިންޖީނިއަރިންއިން ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށާއި، އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް މޭޔަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.








