ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ފަރުވާތައް މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމައިފިއެވެ. މިއީ އެ ސަރަހައްދުގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫއެކެވެ.
ޓާޝިއަރީ ފެންވަރަށް އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން، އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފަރުވާ ހޯދުމަށް މާލެ އަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގުސަދުގައެވެ. މިގޮތުން، ކުޑަކަމުދާ ނިޒާމުގެ ބަލި ތަކަށް ޚާއްޞަ "ޔޫރޮލޮޖީ" އަދި ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ "ޕަލްމޮނޮލޮޖީ" ގެ ޚިދުމަތް ގާއިމު ކުރުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ޚިދުމަތްތައް ފެށުމަށްޓަކައި ބޭނުންވާ މެޝިނަރީޒްތަކާއި ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި ދާއިރާ ތަކުން ޚާއްޞަ ވެފައިވާ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ޚިދުމަތްތައް ފެށުމުން، ގދ. އަތޮޅުގެ އިތުރުން މުޅި ހުވަދު އަތޮޅާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ގިނަ ހަރަދުތަކެއް ކޮށްފައި މާލެއަށް ދާންޖެހުނު ނަމަވެސް، މިއަހަރުގެ ތެރޭގައި ޚިދުމަތް ފެށުމާއެކު އަމިއްލަ ސަރަހައްދުގައި ތިބެގެން ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ތަރައްގީކޮށް، ސްޕެޝަލިސްޓް ޚިދުމަތްތައް އާންމު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ. އެގޮތުން ތިނަދޫ ހޮސްޕިޓަލަކީ ތާރީޚީ ގޮތުންވެސް ގިނަ ބަޔަކު ޚިދުމަތް ހޯދަމުންދާ، މުހިންމު ސަރަހައްދީ ހޮސްޕިޓަލެކެވެ.









