ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި "1456" ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ތައާރަފުކޮށްފިއެވެ. މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ނަފްސާނީ އެހީތެރިކަމާއި، ކުއްލި ހާލަތްތަކުގައި ދޭންޖެހޭ ނަފްސާނީ އެހީގެ އިތުރުން ސިއްހީ ސްކްރީނިންގތައް ފޯރުކޮށްދެވޭނެއެވެ. ސަރުކާރުގެ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ހިލޭ ގުޅޭނެ މި ހޮޓްލައިނުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ރާވާފައެވެ.

ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަފްސާނީ އެހީތެރިކަމަށް އެދޭ މީހުންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ހެލްތު މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާގޮތުގައި ނަފްސާނީ އެހީ ހޯދާ މީހުންގެ 60 އިންސައްތައަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި 2022 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އާބާދީގެ ކޮންމެ 5 މީހުންގެ ތެރެއިން 1 މީހަކު (20 އިންސައްތަ) ނަފްސާނީ ނުކުޅެދުންތެރިކަމުގެ އަލާމާތްތައް ތަހައްމަލުކުރެއެވެ. އެންޒައިޓީ، ޑިޕްރެޝަން އަދި ދިރިއުޅުމުގެ ފިއްތުންތަކާ ހުރެ ދިމާވާ ނަފްސާނީ އެންމެ ބޮޑެތި ގޮންޖެހުންތަކަށް ޒުވާނުން ފަރުވާ ހޯދަމުންދާކަން ހޮސްޕިޓަލްތަކުން ފާހަގަކުރެއެވެ.

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން "1456" ގެ އިތުރުން، 24 ގަޑިއިރު ޚިދުމަތްދޭ "1677" މެންޓަލް ހެލްތު ހެލްޕްލައިންވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކަކުންވެސް މިހާރު ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ލިބެން ހުރެއެވެ. ޒުވާނުންނަށް ހާއްސަކޮށްގެން މިފަދަ ހޮޓްލައިނެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ އެމީހުންގެ ނިވާކަންކަމާއި ސިއްރުތައް ހިފެހެއްޓިގެން، އެއްވެސް ދަތިކަމެއް ނެތި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.