ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ ޗެކްޕޮއިންޓުން ދާން އުޅުމުގެ ތެރޭގައި، ލަގެޖުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފިއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 38 އަހަރުގެ ޕީޓަރ ސަމާން މަރްޒޫގް ސަމާން ނަމަކަށް ކިޔާ ފިރިހެނެކެވެ.

މި ހާދިސާ ހިނގާފައި ވަނީ ސަމާން އާއި އޭނާގެ ބޮޑުދައިތަ ރާއްޖެއިން ފުރަންވެގެން އެއަރޕޯޓުގެ ސެކިއުރިޓީ ސްކްރީނިންގ މަރުހަލާ ފުރިހަމަކުރަމުން ދަނިކޮށެވެ. ސެކިއުރިޓީ އޮފިޝަލުން އޭނާގެ ބޮޑުދައިތަގެ ލަގެޖް އިތުރަށް ބަލައިފާސްކުރަން ނެގުމުން، އެ ފޮށީގައި ބޮމެއް އޮތް ކަމަށް ސަމާން ބުންޏެވެ. މި ވާހަކައާ ގުޅިގެން އެއަރޕޯޓުގެ ކަމާބެހޭ ފަރާތްތަކުން ފުލުހުންނަށް އެންގުމާއެކު، ހާއްސަ ސެކިއުރިޓީ ޗެކްތަކެއް ކުރިއަށްގެންދިޔައެވެ. ނަމަވެސް ބަލައިފާސްކުރުމުގެ ތެރޭގައި ގޮވާތަކެތީގެ އެއްވެސް ނިޝާނެއް ނުވަތަ ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުންނާއި، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވެސް ސަމާން ވަނީ އެއީ ސަމާސާއަކަށް ބުނެވުނު އެއްޗެއް ކަމަށް ބުނެ މާފަށް އެދިފައެވެ. ނަމަވެސް، ބިރުދެއްކުމާއި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މިއީ ވީއައިއޭގައި ބޮމުގެ ސަމާސާކޮށްގެން މީހަކު ހައްޔަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުރަން ގޮސް އުޅުނު އިންޑިއާ ރައްޔިތަކު ބޮމާ ގުޅޭގޮތުން ދެއްކި ވާހަކައަކާ ގުޅިގެން ހައްޔަރުކޮށް 5 ދުވަހަށް ބަންދުކޮށްފައިވެއެވެ.