ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަޝްރޫއުގެ ދަށުން، އެންމެ 2.5 އަހަރު ދުވަހުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ޕީއެންސީ ކޮންގްރެސްގައި މައުލޫމާތު ދެއްވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު އޮތް ގޮންޖެހުންތަކުން އަރައިގަނެ، ބިދޭސީންގެ ތެރެއިން 95 އިންސައްތަ މީހުން މިހާރު ވަނީ ސިސްޓަމްގައި ރެޖިސްޓްރީ ކުރެވިފައެވެ.

މި ސަރުކާރުން 13 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވިިއިރު، 295,678 ބިދޭސީންނަށް ގާނޫނީގޮތުން އުޅުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އޭގެ ތެރެއިން ފިންގަރޕްރިންޓާއި ފޮޓޯ ނަގައިގެން ސިސްޓަމްގައި ރެޖިސްޓްރީ ކުރެވިފައިވަނީ އެންމެ 22,700 މީހުންނެވެ. މިއީ މުޅި އާބާދީގެ އެންމެ 8 އިންސައްތައަށްވުރެވެސް ކުޑަ އަދަދެކެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ އިރުޝާދުގެ މަތިން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި މަސައްކަތުން މި އަދަދު ވަނީ 95 އިންސައްތައަށް މަތިކުރެވިފައެވެ.

ވަޒީރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ސިސްޓަމްގައި ރެޖިސްޓްރީ ނުވެ ބާކީ ތިބި 5 އިންސައްތަ މީހުންގެ ތެރެއިން 4 އިންސައްތަ މީހުން ވަނީ މިހާރު ރާއްޖެ ދޫކޮށް ގޮސްފައެވެ. އަދި މިހާރު ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ތިބި ނަމަވެސް ސިސްޓަމަށް ނުވަދެ ތިބި ފަހު 1 އިންސައްތަ ބިދޭސީން ދެނެގަނެ، އެމީހުންގެ މަޢުލޫމާތުތައް ފުރިހަމައަށް ރެކޯޑުކުރުމުގެ މަސައްކަތް ނިންމާލުމެވެ.