ދިވެހިރާއްޖޭގައި އުޅޭ ބޭރުގެ ވަޒީފާތަކާ ބެހޭ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީން ފަށައިފިއެވެ.
ސަރުކާރުން ބޭރުގެ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 'އެކްސްޕެޓްރިއޭޓް މެނޭޖްމަންޓް ސިސްޓަމް' އަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ވަޒީފާދޭ ފަރާތްތަކަށް ހިދުމަތް ދިނުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަސަދު ވިދާޅުވީ، ދުވާލަކު 1،700 އާއި 2،000 ދެމެދުގެ އަދަދަކަށް އެޕްލިކޭޝަން ސިސްޓަމަށް ހުށަހެޅޭ ކަމަށެވެ. އެހެންކަމުން ހިދުމަތުގެ ފެންވަރު މަތިކުރުމަށް "ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް" ތައާރަފްކޮށް، ބްލެކްލިސްޓްވެފައި ނުވާ އަދި ގަވާއިދުން ވޯކް ޕާމިޓާއި ކޯޓާ ފީ ދައްކާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އަވަހަށް ނިންމައިދެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިޒާމާ ބެހޭގޮތުން އިތުރު ތަފްސީލު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމް ދީދީ ވިދާޅުވީ، ވައިޓްލިސްޓު އެކުލަވާލެވޭނީ ރޭޓިންގ ނިޒާމެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. ގަވާއިދުތަކަށް ބޯލެނބުމުން ލިބޭ ރޭޓިންގ މަތިވިވަރަކަށް، ވޯކް ޕާމިޓަށް ނުވަތަ މަސައްކަތްކުރާ ތަން ރަޖިސްޓްރީކުރަން ހުށަހެޅިޔަސް، 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ލިބިގެންދާނެ ކަމަށް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.
އެހެންނަމަވެސް، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާއި ފީ ނުދައްކާ ފަރާތްތަކަށް ސިސްޓަމް ބޭނުންކުރުން ވަނީ މެދުކަނޑާލާފައެވެ. ބޭރުގެ މަސައްކަތްތެރިންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 110 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ނުލިބި ހުރިއިރު، އަލަށް ފެށި މަސައްކަތްތަކުގެ ދަށުން މިހާތަނަށް 77 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ހޯދާފައެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިނިސްޓްރީން ވަނީ ހަމަޖައްސައިދީފައެވެ.









