ދުނިޔޭގެ ނިސްބަތުން ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެންމެ ފުރިހަމައަށް ބަލަހައްޓާ ގައުމުތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ. ޕީއެންސީ ކޮންގްރެސްގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒީރު އަލީ އިހްސާން ވިދާޅުވީ، މުޅި ދުނިޔެއަށް ބަލާއިރު ބަޔޯމެޓްރިކްސް މެދުވެރިކޮށް ވަކިކުރެވޭ ބިދޭސީ އާބާދީގެ އެކެއް އިންސައްތައިގެ ތްރެޝްހޯލްޑް ހިފެހެއްޓިފައިވަނީ އެންމެ ތިން ގައުމެއްގައި ކަމަށެވެ. އެއީ ދިވެހިރާއްޖެއާއި، ސިންގަޕޫރުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ވަޒީރު އިހްސާން ވިދާޅުވި ގޮތުގައި، މި ސަރުކާރުން 13 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވިިއިރު، ގާނޫނީގޮތުން ރާއްޖޭގައި އުޅުމާއި މަސައްކަތްކުރުމުގެ ހުއްދަ 295,678 ބިދޭސީންނަށް ދީފައިވީ ނަމަވެސް، އޭގެ ތެރެއިން އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު ރަސްމީ ނިޒާމުގެ ތެރޭގައި ރެޖިސްޓްރީ ކުރެވިފައިވަނީ އެންމެ 22,700 ބިދޭސީންނެވެ. މިއީ މުޅި ގައުމީ ސެކިއުރިޓީއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރެވުނު ބުރަ މަސައްކަތުން މިހާރު ވަނީ ބިދޭސީންގެ 95 އިންސައްތަ ސިސްޓަމްގައި ރެޖިސްޓްރީކޮށްފައެވެ. އަދި ބާކީ ތިބި 5 އިންސައްތައިގެ ތެރެއިން 4 އިންސައްތަ މީހުން ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މިހާރު ސަރުކާރުގެ އަމާޒަކީ ސިސްޓަމަށް ނުވަދެ ތިބި ފަހު 1 އިންސައްތަ ދެނެގަނެ، ނިޒާމުގެ ތެރެއަށް އޭގެ ފުރިހަމަ ނަތީޖާ ނެރުމެވެ.








