ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ކަނޑުއަޑީގައި ހުރި ކަމަށް ބެލެވޭ ތެލާއި، ގޭސް އަދި ބިމުއަޑީގެ އަގުހުރި މަޢުދަންތައް ހޯދައި ދިރާސާކުރުމަށް މެލޭޝިއާގެ ސަރުކާރު ހިއްސާވާ ދުނިޔޭގެ މަޝްހޫރު ހަކަތަ ކުންފުނި "ޕެޓްރޯނަސް" ގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް އެދިވަޑައިގަތީ މިދިޔަ ހޯމަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފަންތީގެ ރަސްމީ މަޝްވަރާތަކުގެ ތެރޭގައެވެ.
ދިވެހި ސަރުކާރުގެ މި ހުށަހެޅުމަށް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ފެހި ސިގުނަލެއް ދެއްވައި، ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޕެޓްރޯނަސްގެ އިސްވެރިންނާ ސީދާ މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ދިރާސާތައް ކުރުމަށް މެލޭޝިއާގެ ޤައުމީ ކުންފުންޏަށް ހުށަހެޅީ، ޕެޓްރޯނަސްއަކީ ކަނޑުއަޑީގެ ޤުދުރަތީ ވަސީލަތްތައް ހޯދުމުގައި ދުނިޔޭގެ އެކި ބައްރުތަކުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޤާބިލު ކުންފުންޏަކަށް ވާތީއެވެ. ޖިއޮގްރަފީގެ ގޮތުންނާއި މޫސުމީ ގޮތުން ތަފާތު ގައުމުތައް ކަމަށްވާ ކެނެޑާ، ތުރުކުމެނިސްތާން، ސޫދާން، ސުރިނާމް، ޕެރޫ އަދި ބްރެޒިލް ފަދަ ޤައުމުތަކުގައި ޕެޓްރޯނަސްއިން ދަނީ ކާމިޔާބުކަމާއެކު މިފަދަ ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ އަޑީގެ ބިމުގެ ފަށަލަތަކުން "ފްލުއިޑް ނުވަތަ ގޭސް" ބޭރުވަމުންދާކަމުގެ ޖިއޮލޮޖިކަލް ސާފު ހެކިތަކެއް 2014 ވަނަ އަހަރު ޖަރުމަނުގެ ޔުނިވަރސިޓީ އޮފް ހެމްބަރގުން ހަދާފައިވާ ސައިންޓިފިކް ދިރާސާއަކުން ފެނިފައިވާއިރު، ޕެޓްރޯނަސް ފަދަ ފަންނީ ބޮޑު ކުންފުންޏެއްގެ އެހީގައި މި ވަސީލަތްތައް ސީދާ ޔަޤީންކުރެވޭނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.
ދިވެހި ސަރުކާރުގެ ވިސްނުމަކީ މިފަދަ ބައިނަލްއަޤްވާމީ މާހިރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުއަޑީގެ ޤުދުރަތީ ޚަޒާނާ ހޯދައި، ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި ދިރާސާތަކަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެލާއި، ގޭސް އަދި މަޢުދަންތައް ހޯދައި ނެގުމާ ބެހޭ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ދިރުންނެތް މިފަދަ ޤުދުރަތީ ވަސީލަތްތައް ރާއްޖޭގެ ސަރަޙައްދުން ފެނި، އެ ތަކެތީގެ ބޭނުން ހިފިއްޖެނަމަ، މިއީ ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ މިސްރާބު މުޅިން ބަދަލުކޮށްލާނެ ފަދަ ތާރީޚީ އަދި އިންގިލާބީ ފިޔަވަޅަކަށް ވެގެންދާނެއެވެ.









