މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "މާލީ މުއާމަލާތުތަކުގައި ތެދުވެރިވުން" މި މައުލޫގެ މައްޗަށެވެ.
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، މުދަލުގެ ނިއުމަތަކީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ހާޖަތްތައް ފުއްދުމަށްޓަކައި މާތް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެކެވެ. އަދި މުދާ ހޭދަކުރުމުގައި އިގުތިސާދުކުރުމާއި، އިސްރާފު ނުކުރުމާއި، ފަހަށް ރައްކާކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ ރީތި އުސޫލުތައް ކަމުގައި ބަޔާންކުރިއެވެ.
ހުތުބާގައި ވަނީ ދަރަނީގެ މުއާމަލާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގައި ހައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަން ފާހަގަކުރެއްވިއެވެ. އަދި ދަރަންޏެއް ނަގަންޖެހޭ ހާލަތެއް މެދުވެރިވިނަމަވެސް، ރިބާ ހިމެނޭ ދަރަނިތަކުން މުޅިން ދުރުހެލިވުމަށް ނަސޭހަތްތެރިވިއެވެ.
މީގެއިތުރުން، މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކާއި އަގުދުތަކަށް އިހުތިރާމުކުރުމާއި، ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އެއްމެދު ވިޔަފާރިތަކުގައި ވަފާތެރިވެ ތެދުވެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެއްކަން ހަނދާންކޮށްދިނެވެ. ތެދުވެރި، އަމާނާތްތެރި ވިޔަފާރިވެރިން ގިޔާމަތް ދުވަހުން ވާހުށީ ނަބިއްޔުންނާއި، ސިއްދީގުންނާއި، ޝަހީދުންނާ އެކުގައިކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.
އަނބިދަރީންނަށް ހަރަދުބަރަދު ދިނުމަކީ ތިމާގެ މުދަލުގައިވާ އެބައިމީހުންގެ ހައްގެއްކަން ބަޔާންކުރައްވަމުން، އާއިލާއަށް ޒިންމާދާރުކަމާއެކު ހަރަދުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. މާލީ މުއާމަލާތްތައް ސައްހަ މަގުން ކުރިއަށްގެންގޮސް، އަމާނާތްތެރިކަމާއެކު މަސައްކަތްކުރުމަކީ ބަދަހި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ އަސާސް ކަމުގައި ހުކުރު ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.









