އިސްލާމްދީނަކީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ދީންކަން ބަޔާންކޮށް، ދުނިޔޭގައި ކިބުރުވެރިވެ ކަލާނގެކަމަށް ދައުވާކުރި ފިރުއައުނާ މުހާތަބުކުރުމުގައިވެސް މަޑުމައިތިރިކަން އިސްކުރުމަށް މާތްﷲ އަންގަވާފައިވާކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫގެ ހުތުބާގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ މުއާމަލާތްތަކުގައި ރިވެތި އަހުލާގާއި މަޑުމައިތިރިކަން އިސްކުރުމަކީ ދީނުގެ މުހިންމު ބައެއް ކަމަށެވެ.
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ފިރުއައުނަކީ އިންތިހާއަށް އަނިޔާވެރި، ކަލާނގެކަމަށް ދައުވާކުރި މީހެއް ނަމަވެސް، އޭނާގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު، މާތްﷲ އަމުރުކުރެއްވީ އޭނާއާ މުހާތަބުކުރެއްވުމުގައި މަޑުމައިތިރި ބަސް ބޭނުންކުރެއްވުމަށެވެ. މިއީ ދީން ގަބޫލުނުކުރާ މީހުންނާ މުއާމަލާތުކުރުމުގައިވެސް ހަރުކަށިވުމެއް ނެތްކަން އަންގައިދޭ ވަރުގަދަ ދަލީލެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
މިއަދުގެ މުޖުތަމައުގެ ހާލަތަށް އަލިއަޅުވާލަމުން ހުތުބާގައި ބަޔާންކުރީ، ނަމާދާއި ރޯދަ ފަދަ އަޅުކަންތަކަށް ރައްކާތެރިވާ މީހުންގެ ތެރޭގައިވެސް، އެހެން މީހުންނާ މުއާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމުގެ ސިފަ ހުންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ހަގީގީ މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަން ނަބިއްޔާ ﷺ ގެ ހަދީޘްފުޅުތަކުން އެނގޭކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
މީގެ އިތުރުން، އިސްލާމްދީން ދުނިޔޭގައި ފެތުރުނީވެސް މުސްލިމުންގެ ކިބައިގައި ހުރި ރިވެތި އަހުލާގާއި މަޑުމައިތިރިކަމުގެ ސަބަބުންކަން ފާހަގަކޮށް، ثُمَامَةُ بْنُ أُثَال ރަޟިޔަﷲ އަންހު އިސްލާމްވި ހާދިޘާއިން މިސާލު ދެއްކެވިއެވެ. އޭނާ އިސްލާމްވީ ކީރިތި ރަސޫލާ ﷺ އޭނާއާމެދު ބެހެއްޓެވި އޯގާތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުންނެވެ.
ހުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، ނަރަކަ ހަރާމްކުރެއްވިގެންވަނީ އޯގާތެރި، މަޑުމައިތިރި، އަދި މީހުންނާ ގާތްކަން ބަހައްޓާ މީހުންނަށް ކަމަށްވާތީ، އެންމެހައި މުސްލިމުންވެސް އެކަކު އަނެކަކަށް ތަވާޟުއުވެރިވެ، އޯގާތެރި ބަޔަކަށް ވުމަށެވެ.









