އިސްލާމްދީނުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތް ކަމަށާއި، ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި "ސުންނަތަކީ އިސްލާމީ ތަޝްރީޢުގެ ދެވަނަ މަޞްދަރު" މި މައުޟޫޢުގެ ޚުތުބާގައި ބުނެފައިވަނީ، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތް ކަމަށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ މި ދެ އަސާސުގައި ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކީރިތި ޤުރުއާނުގައި ﷲ އަށް ކިޔަމަންވުމަށް އަމުރުކުރައްވާފައިވާ ކޮންމެ ފަހަރަކު، ރަސޫލާ ﷺ އަށް ކިޔަމަންވުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ. އަދި ސުންނަތާ ނުލައި އިސްލާމްދީނުގެ އަސާސީ އަޅުކަންތައް ކަމުގައިވާ ނަމާދުގެ ރަކުޢަތްތަކާއި، ޒަކާތުގެ މިންވަރުތަކާއި، ހައްޖުގެ މަނާސިކުތައް ފަދަ ކަންކަން ފުރިހަމައަށް އެނގެން ނޯންނާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
ސުންނަތް ގަބޫލުކޮށް، އެއަށް އަމަލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޚުތުބާގައި ބުނީ، ޤުރުއާން ގަބޫލުކޮށް ސުންނަތަށް އިންކާރުކުރާ މީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެ ކަމަށެވެ. އެއީ ޝަހާދަތުގެ ދެކަލިމައަކީ ވަކިނުކުރެވޭނެ ދެބައި ކަމަށްވާތީއެވެ. އަދި ސުންނަތަކީ ރައްކާތެރިކުރެވިގެންނުވާ އެއްޗެއް ކަމަށް ބުނާ ބުނުމަކީ ބާތިލު ވާހަކައެއް ކަމަށާއި، ﷲ ތަޢާލާ ރައްކާތެރިކުރައްވާނެ ކަމަށް ވަޢުދުވެވޮޑިގެންފައިވާ "ޛިކުރު" ގެ ތެރޭގައި ޤުރުއާނާއި ސުންނަތްވެސް ހިމެނޭ ކަމަށް ޚުތުބާގައި ތަފްސީލުކޮށްދިނެވެ.
ކީރިތި ރަސޫލާ ﷺ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ސުންނަތަށް އިންކާރުކުރާ މީހުންނާ މެދު ރަސޫލާ ﷺ ދެއްވާފައިވާ އިންޒާރުތައް ހަނދާންކޮށްދީ، ރަސޫލާ ﷺ މަނާކުރެއްވި ކޮންމެ ކަމަކީ ﷲ މަނާކުރެއްވި ކަމެއްގެ ގޮތުގައި ބެލުމަށް ވަނީ ގޮވާލާފައެވެ.









