ދިވެހިރާއްޖޭގައި އިސްލާމީ ނޫރު ފެތުރުނުތާ ނުވަސަތޭކަ އަހަރު ވެފައިވާއިރު، މި ނުވަ ގަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، އެހެންކަމުން ދީނުގެ ހިމާޔަތުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އިސްލާމުދީޏުގައި ސާބިތުވެތިބުމުގެ މުހިއްމުކަމުގެ މައްޗަށެވެ.
ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ މާތް ﷲގެ ހަޒުރަތުގައި ރުހިވޮޑިގެންވާ ހަމައެކަނި ދީނެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓޭނީ ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާއީ ރުކުން ދަމަހައްޓައިގެން ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާގައި ވަނީ ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމައު ބައިބައިކޮށް ފިތުނަ އުފެދޭފަދަ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމީ ޝަރީއަތާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އިޖުތިމާއީ ބަދަހިކަން ގާއިމުކުރުމުގައި ނަމާދުގެ ދައުރު ބޮޑުކަން ހަނދާންކޮށްދިނެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ހުތުބާގައި ފާހަގަކުރެއްވީ، އެކުދިންނަށް އިސްލާމީ ތަރުބިޔަތާއި ގުރްއާން އުނގަންނައިދީ، އީމާންކަމުގެ ރުކުންތަކަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލު ބިނާވެގެންވަނީ މިދެވޭ ތަރުބިޔަތެއްގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.
ރަނގަޅު ފަރުދަކީ ރަނގަޅު އާއިލާއެއްގެ މުޑުވަކު ކަމަށާއި، ރަނގަޅު އާއިލާއަކީ ރަނގަޅު މުޖުތަމައެއްގެ ބިންގާ ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ. އަދި އެފަދަ މުޖުތަމައަކުން ނޫނީ ރަނގަޅު ދައުލަތެއް ބިނާނުކުރެވޭނެކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.









