އުންމަތުގެ ކުޑަކުދީން، ރައްކާތެރި އަދި އަމާން މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ "ކުޑަކުދީންގެ ޙައްޤުތައް" މި މައުޟޫއަށެވެ.
ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިންނަކީ މާތް ﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެކެވެ. އެހެންކަމުން، އެ ކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމަކީ ހަމައެކަނި މައިންބަފައިންގެ އެކަނި ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.
ވޭތުވެދިޔަ ހަފުތާގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ތުއްތު ކުއްޖަކު ނިޔާވުމާއި، އިމާރާތެއްގެ މަތިން ވެއްޓި ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދިންނަށް އެއްވެސް މިންވަރަކަށް އިހުމާލުނުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކުން ދައްކުވައިދޭ ގޮތުގައި، އަމިއްލަ ނަފްސާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އަމުރުކުރައްވާފައިވާއިރު، އެ އަހުލުވެރިންގެ ތެރޭގައި ތުއްތު ކުދިން ހިމެނޭކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ދުނިޔޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތައް ވުޖޫދަށް އައުމުގެ މާކުރިން، އިސްލާމީ ޝަރީއަތުގައި ވަނީ ކުޑަކުދިންގެ އެންމެހައި ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދީފައިކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އެގޮތުން، ކުދިންނަށް ލިބެންޖެހޭ ހިމާޔަތް އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލީ ބިނާއެއްގެ ތެރެއިން ކަމަށްވާތީ، ރަނގަޅު އާއިލާއެއް ބިނާކުރުމާއި، ކުދިންނަށް ރީތި އިސްލާމީ ނަންނަން ކިއުމަށާއި، އަނިޔާވެރިކަމާއި ގަނާކުރުމުން އެކުދިން ރައްކާތެރިކުރުމަށް އިސްލާމްދީން އިރުޝާދުދެއެވެ. މީގެއިތުރުން، ކުދިންގެ ތަރުބިއްޔަތުގައި އިލްމާއި އަޚުލާގުގެ އިތުރުން ރޫހާނީ ކަންކަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުމުރުން ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރުމާއި ދީނީ ޝިއާރުތަކަށް ކުދިން އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމު ކަމެއްކަން ހަނދާންކޮށްދިނެވެ.
ކުޑަކުދިންނަށް އޯގާތެރިނުވާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫންކަން ނަބަވީ ހަދީޘްތަކުން ސާބިތުވާން އޮތްނަމަވެސް، މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވެ، ލާއިންސާނީ އަނިޔާކުރާ މީހުން އުޅޭކަމީ އިންތިހާއަށް ހިތާމަހުރި ކަމެއް ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ. އަދި ހާއްސަކޮށް، ކުދިންނަށް އެންމެ ބޮޑަށް އަޅާލައި އޯގާތެރިވާންޖެހޭ މައިންބަފައިންގެ ފަރާތުންވެސް މިފަދަ އިހުމާލުވުންތައް ފެންނަމުންދާކަން ޚުތުބާގައި ވަނީ ހިތާމައާއެކު ފާހަގަކުރައްވާފައެވެ.
މިއަދުގެ ހުކުރު ޚުތުބާ ނިންމާލައްވަމުން ވަނީ، ކުޑަކުދިންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށާއި މަސްއޫލުވެރި ފަރާތްތަކަށް ގޮވާލައްވާފައެވެ.









