ނޯވޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ މީޑިއާ ބޭން އަކީ މީސްމީޑިއާ އެ ކުދިންނަށް ގެއްލުންހުރި ކަމަށް ކަނޑައަޅައި ބައެއް މަންސަތަކަށް އަމާޒުކޮށްފައިވާ ނިންމުމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަސްތެރޭ އޮސްޓްރޭލިއާއިން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ ބޭން ކުރުމުން ވިލާތުގެ ގިނަ ގައުމުތަކަކުން ވަނީ މިކަމުން މިސާލު ނަގާ އެ ގޮތަށް އަމަލުކުރަން ޝައުގުވެރިވެފައެވެ. އެގޮތުން ނޯވޭއިން 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ ބޭނުންކުރުން މަނާކުރުމަށް ބިލެއް މިއަހަރު ނިމުމުގެ ކުރިން ގާނޫނުހަދާ މަޖިލީހަށް ހުށައަޅާނެ ކަމުގައި އެ ސަރުކާރުން މިދިޔަ އޭޕްރީލް މަހު ހާމަކުރިއެވެ. އަދި އެ ބިލުގައި މީސްމީޑިއާ ބޭނުންކުރާ މީހާގެ އުމުރު ކަށަވަރުކުރުމަކީ އެ މަންސަތައް ހިންގާ ކުންފުނިތަކުގެ ޒިންމާއެއް ކަމަށް ވެސް ބުންޏެވެ. އޭރު އެ ގައުމުގެ ސަރުކާރުން އެއްވެސް މަންސައެއްގެ ނަން ބަޔާން ކޮށްފައެއް ނުވެއެވެ.
ނޯވޭގެ ސަރުކާރުން ބުނިގޮތުގައި އެ ބިލުގެ މަގުސަދަކީ މީސްމީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރިމަތިވާ ހުރިހާ ބާވަތެއްގެ ނުރައްކަލާއި ހުރަސްތައް ނައްތާލުމެވެ. އަދި މި ބިލުގެ ސަބަބުން ގިނަ އަދަދެއްގެ މަންސަތަކަކަށް އަސަރު ކުރާނެ ކަމަށް ވެސް ނޯވޭގެ ސަރުކާރުން ހާމަކުރިއެވެ. މީގެ އިތުރުން ކުޑަކުދިންނާއި ނުގުޅޭ މަންޒަރުތަކާއި އަޑުތައް ހިމެނޭ މަންސަތަކާއި، ކުދިން އެއަށް ދެވިހިފާ ޒާތުގެ މަންސަތަކާ، ހަގީގަތް އޮޅޭގޮތަށް ހަދާފަ ހުންނަ އިޝްތިހާރުތައް ޝާއިއުކުރާ މަންސަތަކާ، ނުދަންނަ މީހުން ކުޑަކުދިންނަށް މުއާމަލާތުކުރުމުގެ ފުރުސަތު ދޭ މަންސަތައްވެސް މި ބޭންގެ ތެރޭގައި ހިމެނޭ ކަމަށް ނޯވޭގެ ކުޑަކުދިންނާ އާއިލާތަކާބެހޭ ވަޒީރު ލީން ވާސްގިލްޑް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް ނުރައްކާވާ ގޮތަށް ހުންނަ މަންސަތަކުގައި ނުރައްކާވާ ފީޗަރސްތައް އެ މަންސަތައް ހިންގާ ކުންފުނިތަކުން ފުހެލުމަށް ހިތްވަރުދޭ ކަންކަންވެސް ބިލުގައި ހިމެނޭނެކަމުގައި އޭނަ ހާމަަކުރިއެވެ.
ނޯވޭގެ ކުޑަކުދިންނާ އާއިލާތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ގެއްލުންހުރި މަންސަތަކުގެ ގޮތުގައި ބަލާނީ އެ މަންސަތަކުގެ ފަރުމާ އާއި، ދެވޭ ހިދުމަތްތަކާއި ކޮންޓެންޓުގައި ކުޑަކުދިންނަށް ނަފްސާނި އަދި ޖިސްމާނީ ތަރައްގީ އާއި ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ހިމެނޭ ނަމައެވެ. މީގެއިތުރުން ނުރައްކާތެރި މަންސަތަކުގެ ގޮތުގައި އެ ޤާނޫނުގެ ދަށުން ޓިކްޓޮކްއާއި ރޯބްލޮކްސްއާއި ސްނެޕްޗެޓު ބެލެވޭނެ ކަމަށް ވެސް ލީން ވާސްގިލްޑް ވިދާޅުވިއެވެ. އެހެންނަމަވެސް، ނުރައްކާތެރި ކަމުގައި ނުބެލެވޭ މެސެޖުކުރާ މަންސަތަކާ ގޭމިން އެޕްތައް 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންކުރެވޭނެކަމުގައި އޭނާ ހާމަކުރިއެވެ.




