އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ ދުނިޔެއަށް އާދަޔާޚިލާފު ހަލުވި މިނެއްގައި ފެތުރެމުންދާއިރު، މިއީ އިންސާނިއްޔަތަށް އޮތް ފުރުސަތެއްތޯ ނުވަތަ ބިރުވެރި ނުރައްކަލެއްތޯ ކުރެވޭ ބަހުސް މިހާރު ވަނީ ބޮޑުވެފައެވެ. އެއާއި އެކު މި ޓެކްނޮލޮޖީ ކޮންޓްރޯލްކުރުމުގެ މަސައްކަތް ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ. މިގޮތުން ރެގިއުލޭޓްކޮށް ގައުމުތަކުގެ ސަރުކާރުތަކުން ކޮންމެހެން ފިޔަވަޅު އަޅަންޖެހިފައިވާ ގާނޫނީ ޒިންމާއަކަށް ވެސް އޭއައި މިއަދު ވަނީ ވެފައެވެ.
އޯޕަންއޭއައިގެ ސީއީއޯ ސޭމް އަލްޓްމަން އެދިވަޑައިގެންނެވީ އޭއައި އުފައްދާ ކުންފުނިތަކަށް އިތުރަށް އިތުބާރު ކުރުމަށެވެ.
ސެން ފްރާންސިސްކޯގައި ބޭއްވި ސޭލްސްފޯސްގެ އަހަރީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އަލްޓްމަން ވިދާޅުވީ، ރަނގަޅު ގޮތުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ކުންފުނިތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އޭއައި ވަސީލަތްތައް ހަލުވިކަމާއެކު ކުރިއަރަމުންދާތީ އާންމުން ބިރުގަތުމަކީ ހައްގު ކަމެއްކަމުގައި އޭނާ އެއްބަސްވެވަޑައިގަތެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން މިހާރު ވަނީ އަމަލީ މައިދާނަށް ނުކުމެ، އޭއައި ކޮންޓްރޯލްކުރުމުގެ ބޮޑު މަސައްކަތް ފަށާފަ.
މި ކޮންފަރެންސްގައި އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ވިދާޅުވީ އޭއައި ސައިންސަށް އާ ގާނޫނުތަކާއި ގަވާއިދުތައް ބޭނުންނުވާ ކަމަށާއި، ރައްކާތެރިކަމަކީ ކުންފުނިތަކުގެ އިންޖިނިއަރިން މައްސަލައެއް ކަމަށެވެ. މެޓާ ގެ ސީއީއޯ މާކް ޒަކަބާގްވެސް ވިދާޅުވީ ކޮންމެ ކުންފުންޏަކަށްވެސް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ދިއުމުގެ ފުރުސަތާއި ބާރު އެބައޮތް ކަމަށެވެ.
ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުން:
ނަމަވެސް، ސިޔާސީ ދާއިރާގެ ގިނަ ފަރާތްތަކަކުން ދަނީ މި ވިސްނުމާ ދެކޮޅުހަދަމުންނެވެ. އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސްއާއި ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރު ސްޓީވް ބެނަން ވަނީ އޭއައި ކޮންޓްރޯލްކުރުން "ދުނިޔޭގެ އެންމެ މުއްސަނދި މަދު ބަޔަކަށް" ދޫކޮށްނުލެވޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފުރިހަމަ ފާރަވެރިކަމަށް ގޮވާލައްވާފައެވެ. އަނެއްކޮޅުން، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭއައިގެ ރައްކާތެރިކަމާ މެދު އުފެދިގެން އުޅޭ ބިރުވެރިކަމަކީ "އޮޅުވާލުމެއް" ކަމަށް ސިފަކުރައްވާފައެވެ.
އޭއައިގެ ބަހުސް އިތުރަށް ގޯސްވީ އެންތުރޯޕިކް ކުންފުނި ދޫކޮށްދިޔަ ރިސާޗަރަކު، ކޮންޓްރޯލެއް ނެތި އޭއައި ކުރިއަރައިފިނަމަ މި ފެށޭ ދިހަ އަހަރުގެ ތެރޭގައި އިންސާނިއްޔަތު ނެތިގޮސްދާނެ ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެންތުރޯޕިކްގެ ސީއީއޯ ދާރިއޯ އަމޮޑެއީ ވަނީ އޭއައި ކުރިއަރާ މިންވަރު މަޑުޖައްސާލައި، ސަރުކާރުތަކުން ގަވާއިދުތައް ހެދުމަށް ގޮވާލައްވާފައެވެ.
މިހާރު އޯޕަންއޭއައި، އެންތުރޯޕިކް އަދި ގޫގުލް ޑީޕްމައިންޑް ގުޅިގެން އަންނަނީ އަމިއްލައަށް އަމަލުކުރާނެ ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކަންކަން އަމިއްލައަށް ރެގިއުލޭޓް ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި، ސިލިކަން ވެލީގެ ކުންފުނިތަކަށް އާންމުންގެ އިތުބާރު ނެތްކަން އިންޑަސްޓްރީގެ ބައެއް އެހެން މާހިރުން ދަނީ ފާހަގަކުރަމުންނެވެ.
ކޮންމެޔަކަސް، އޭ.އައިގެ ނުރައްކާތަކާ މެދު ވާހަކަދައްކައި ބަހުސްކުރުމުގެ ޒަމާން މިއަދު މިވަނީ މާޒީވެފައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން މިހާރު ވަނީ އަމަލީ މައިދާނަށް ނުކުމެ، އޭއައި ކޮންޓްރޯލްކުރުމުގެ ބޮޑު މަސައްކަތް ފަށާފައެވެ. ޓެކްނޮލޮޖީގެ މި އިންގިލާބާއެކު އިންސާނިއްޔަތަށް ހުރި ނުރައްކާތައް ކުޑަކުރެވޭނީ، އޭއައި އުފައްދާ ކުންފުނިތަކުގެ ވާހަކަތަކަށް ބަރޯސާނުވެ، ސަރުކާރުތަކުން ހަދާ ހަރުދަނާ ގާނޫނުތަކާއި ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކޮށްގެންނެވެ. ވުމާއެކު، ހަލުވިކަމާއެކު ކުރިއަރަމުންދާ މި ޑިޖިޓަލް ޒަމާނުގައި އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަކީ މިހާރުން މިހާރަށް ދުނިޔެއަށް މަޖުބޫރުވެފައިވާ ހަގީގަތެކެވެ.









