ރިޝްވަތު ހިފުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޗައިނާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (ސީއެފްޑީއޭ) ގެ ކުރީގެ ވެރިޔާ ބީ ޖިންގްއާން 14 އަހަރަށް ޖަލަށްލުމަށް ޗައިނާގެ އީސްޓަން ޝެންޑޮންގް ޕްރޮވިންސްގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފިއެވެ.
ކޯޓުން ހާމަކުރި ގޮތުގައި 1995 އިން 2025 އާ ދެމެދު ސީއެފްޑީއޭގެ ވެރިޔާގެ މަގާމާއި ސްޓޭޓް ކައުންސިލްގެ އިސް މަގާމުތަކުގައި ބީ ހުރިއިރު، އޭނާ ވަނީ ޣައިރު ގާނޫނީ ގޮތުގައި 57 މިލިއަން ޔުއާން (8.49 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ފައިސާ އާއި މުދާ ރިޝްވަތުގެ ގޮތުގައި ހިފާފައެވެ.
އޭނާއަށް ކުރި ހުކުމުގައި ބުނެފައިވަނީ، ވިޔަފާރި ހިންގުމާއި އިދާރީ ހުއްދަތައް ދިނުމުގެ އިތުރުން ތަފާތު މަޝްރޫއުތައް ނިންމުމުގެ ކަންކަމުގައި އެކި ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް އެހީތެރިވެދިނުމުގެ ބަދަލުގައި ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ކުރި ކުށަށް އިއުތިރާފްވެ، އެކަމަށް ދެރަވާކަން ހާމަކޮށްފައެވެ.
ބީ، ސީއެފްޑީއޭގެ ވެރިޔާގެ މަގާމަށް އައްޔަންކުރީ 2015 ވަނަ އަހަރުގެ ކުރީކޮޅު، ޗައިނާގެ ބޭސް ރިވިއުކުރުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. އޭނާގެ ދައުރުގައި އާ ބޭސްތައް ރިވިއުކުރުމުގެ މަރުހަލާ އަވަސްކޮށް އާންމު ބޭސްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، 2018 ވަނަ އަހަރު ފެންމަތިވި ވެކްސިންގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ.









