ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ކުރީގެ މުދައްރިސް މުހައްމަދު އަފީފު ނިޔާވެއްޖެ
މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވެގެން އައިސީޔޫގައި ފަރުވާދެމުން ދިޔަ ދެބަފައިންގެ ތެރެއިން ބައްޕަ ވަނީ ނިޔާވެފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ޅ. ކުރެންދޫ، މުހައްމަދު އަފީފު (62 އ) އެވެ. މި ހާދިސާގައި ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ދަރިފުޅަށްވެސް އަނިޔާވެގެން ވަނީ ފަރުވާދީފައެވެ. އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ނިޔާވި އަފީފަކީ އުމުރުން އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފާހަގަކޮށްލެވޭ މުދައްރިސެކެވެ. އޭނާ ވަނީ މާލެއާއި އަތޮޅުތެރޭގެ ތަފާތު ސްކޫލްތަކުގައި 32 އަހަރު ވަންދެން ކިޔަވައިދެއްވާފައެވެ. އެގޮތުން ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ދިވެހިބަހާއި، ދީނިއްޔާތު އަދި ތިމާވެށީގެ އިލްމު ކިޔަވައިދެއްވުމުގައި އޭނާ ވަނީ ޖަމާލުއްދީން ސުކޫލް، އަހުމަދިއްޔާ ސުކޫލް، އަމީނިއްޔާ ސުކޫލް، ޅ. އަތޮޅު މަދަރުސާ، ފަރީދިއްޔާ ސުކޫލް އަދި ގާޒީ ސުކޫލުގައި މަސައްކަތް ކުރައްވާފައެވެ.
މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހަކު ނިޔާވި ދެވަނަ ހާދިސާއެވެ. މީގެ ކުރިން ހުޅުމާލޭ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި 9 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.









