ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު މިއަދު އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށްޓަކައި ހާއްސަ ވޯޓުލުމެއް ކުރިއަށް ގެންގޮސްފައިވަނީ އެ ޕާޓީގެ ހާއްސަ ކޮންގްރެސްގެ ތެރެއިންނެވެ. ޕީއެންސީގެ މި ކޮންގްރެސް އިފްތިތާހު ކޮށްފައިވަނީ ރޭ ބޭއްވުނު ޖަލްސާއެއްގައެވެ.
މިއަދު ބޭއްވި މި އިންތިހާބުގައި ޕާޓީގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް:
- އަބްދުﷲ ރާފިޢު (މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް): 968 ވޯޓު (88 އިންސައްތަ)
- އަޙްމަދު ޝިޔާމް (މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް): 964 ވޯޓު (88 އިންސައްތަ)
- ފާޠިމަތު ސަޢުދާ (ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު): 923 ވޯޓު (84 އިންސައްތަ)
- އިބްރާހީމް ޝުޖާޢު (ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު): 862 ވޯޓު (79 އިންސައްތަ)
- މުޙައްމަދު ސަޢީދު (މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް): 833 ވޯޓު (76 އިންސައްތަ)
- މުޙައްމަދު ޙުސައިން ޝަރީފް (ސަރުކާރުގެ ތަރުޖަމާނު): 780 ވޯޓު (71 އިންސައްތަ)
މި ކޮންގްރެސްގެ މައިގަނޑު މަގްސަދަކީ ޕާޓީގެ އެތެރޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމަށްޓަކައި ލީޑަރޝިޕްގެ މުހިންމު މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމެވެ. މި އިންތިހާބުގައި ޕާޓީގެ ގިނަ އަދަދެއްގެ މަންދޫބުން ވަނީ ބައިވެރިވެ ވޯޓު ދީފައެވެ.









