ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ގަވާއިދަށް ގެނައުމަށް ހުށަހެޅި އިސްލާހުތައް އެ ޕާޓީގެ މަތީ މަޖިލީހުގެ ފުރިހަމަ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ. މިއަދު ފެށިގެން ކުރިއަށްދާ މަތީ މަޖިލީހުގެ ބައްދަލުވުމުގެ ފުރަތަމަ ސެޝަނުގެ ތެރޭގައި މި އިސްލާހުތައް ފާސްކުރުމާ ގުޅިގެން، އިސްލާހުތަކާއެކު އަލަށް އެކުލަވާލެވުނު އަސާސީ ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.
ޖުމްލަ 1،064 މަންދޫބުންގެ ބައިވެރިވުމާއެކު ބޭއްވި މި ސެޝަނުގައި، ގަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މައިގަނޑު މަގްސަދަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީ ހިންގުން ހަރުދަނާކޮށް، ތަފާތު ދާއިރާތަކުން މަސައްކަތްތައް ފުޅާކުރުން ކަމަށާއި، މީގެ ސަބަބުން ގައުމަށް ފައިދާހުރި ގޮތެއްގައި ޕާޓީ ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި އިސްލާހުތަކުގެ ދަށުން ޕާޓީގެ އިސް ސަފުގައި މެންބަރުންގެ ޝާމިލުވުން އިތުރުކުރުމަށްޓަކައި މުޅިން އާ ގުނަވަންތަކަކާއި ހަރަކާތްތަކެއް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާއިން 41 ވަނަ މާއްދާގެ ދަށުން ދީނީ ޢިލްމުވެރިންގެ މަޖިލިސް އުފައްދާފައިވާއިރު، 41 ވަނަ މާއްދާއިން 45 ވަނަ މާއްދާގެ ދަށުން އަންހެނުންގެ ހަރަކާތް ވަނީ ހިމަނާފައެވެ. މީގެއިތުރުން ޒުވާނުންގެ ހަރަކާތާއި އިސްރަށްވެހިންގެ ހަރަކާތްވެސް ވަނީ އަލަށް ތައާރަފުކޮށްފައެވެ. އަދި އިގްތިސާދީ، ގައުމީ ސަލާމަތް، ސިއްހީ، އިޖުތިމާއީ އަދި ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތައް ހިމެނޭހެން ޖުމްލަ 15 ކޮމިޓީއެއް އެކުލަވައިލާފައިވާކަން އެސްޖީ ވަނީ އިއުލާނުކުރައްވާފައެވެ.
އެސްޖީ ފަތުހީ ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ދައުރާއި، ސްޓިއަރިން ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށް ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށްފައިވާއިރު، އަލަށް ފާސްކުރި އަސާސީ ގަވާއިދުގައި މައިގަނޑު ސިޔާސަތުތަކާއި، އޮނިގަނޑު ރޭވިފައިވާ ގޮތާއި، އެތެރޭގެ އިންތިޚާބުތަކުގެ އުސޫލުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ޕީއެންސީގެ އަސާސީ ގަވާއިދަކީ އެ ޕާޓީ އުފެއްދުމަށްޓަކައި 27 ޖެނުއަރީ 2019 ގައި ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ފާސްކުރި ގަވާއިދެކެވެ. އޭގެ ފަހުން 26 އޭޕްރީލް 2019، 23 ޖޫން 2022، 3 އޮގަސްޓް 2023، 4 އޮކްޓޯބަރު 2023 އަދި 15 މެއި 2025 ގައި ބޭއްވި ތަފާތު މަޝްވަރާ މަޖިލިސްތަކާއި މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައިވެސް އެކި ފަހަރު މަތިން މި ގަވާއިދަށް އިސްލާހުތައް ގެނެސްފައިވެއެވެ. އަދި އެންމެ ފަހުން މިދިޔަ އޯގަސްޓު 6 ގައި ބޭއްވި މެންބަރުންގެ މަޖިލީހުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރި އިސްލާހުތައް، މިއަދު މަތީ މަޖިލީހުން ރަސްމީކޮށް ފާސްކޮށް ނިންމާފައިވާއިރު، މިއީ ސިޔާސީ މައިދާނުގައި ޕާޓީގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށް އެ ޕާޓީން ބުނެއެވެ.









