މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104،465،702 (ސަތޭކަ ހަތަރު މިލިޔަން ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ހާސް ހަތްސަތޭކަ ދެ) ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 82،163،911 (އަށްޑިހަ ދެ މިލިޔަން އެކުސަތޭކަ ފަސްދޮޅަސް ތިން ހާސް ނުވަސަތޭކަ އެގާރަ) ރުފިޔާއާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ މިއަހަރުގެ އޮގަސްޓު މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، އެ މަހުގެ ތެރޭގައި އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 7 މިލިޔަން ރުފިޔާ ލިބިފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބަކަށްވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކުމުގެ ފުރުސަތު އޮވެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު ކަމަށްވާއިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހުން އިބްތިދާކޮށް މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19،266.10 ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަ އިދާރާއަކީ މީރާ ކަމަށްވާއިރު، މީރާގެ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު މީރާގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.









