69 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީ.ޕީ.ސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މުހިންމު ވަފުދެއް ސައުތު އެފްރިކާއަށް ފުރާވަޑައިގެންފިއެވެ. ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހާއި ސީ.ޕީ.އޭ ސައުތު އެފްރިކާ ބްރާންޗު ގުޅިގެން އިންތިޒާމުކުރާ މި ބައިނަލްއަގްވާމީ ކޮންފަރެންސް އޮންނާނީ މިމަހުގެ 13 އިން 19 މެއަށް، ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ.
ކޮމަންވެލްތުގެ އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެއެވެ. އެގޮތުން ޕާލިމެންޓަރީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، ހިންގުމުގެ ނިޒާމުތައް ތަރައްގީކުރުމުގެ އިތުރުން، ބައިނަލްއަގްވާމީ ގާނޫނުތަކާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ތެރޭގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި، ދިއްގަރު ދާއިރާގެ މެންބަރު އަދި ސީ.ޕީ.އޭ އޭޝިއާ ރީޖަނަލް ރެޕްރެޒެންޓެޓިވް އަހްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާ އާއި މަޖިލީހުގެ އިދާރާގެ ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ އަލްފާޟިލާ އާއިޝަތު އީމާންވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.








