ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ގާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/14 އިންނެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމެވެ. މީގެއިތުރުން، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ސިސްޓަމެޓިކްކޮށް ކުރިއަށް ގެންދިއުންވެސް މި ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތަކުގެ އިތުރުން، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްއިން ކުރާނެއެވެ. އަދި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންވެސް އިއްޔެ އުފެއްދެވި ސަރުކާރުގެ ކުންފުންޏަށް ވަނީ މަތިކޮށްފައެވެ.








