ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ފާއިތުވި އަށް މަސްދުވަހުގެ ތެރޭގައި 589 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އެޗްއާރުސީއެމުން މިއަހަރުގެ ޖެނުއަރީ 1 އިން އޯގަސްޓް 31 ގެ ނިޔަލަށް ލިބުނު މައްސަލަތަކުގެ ތެރެއިން އިބްތިދާއީ މަރުހަލާގައި ތަހުގީގުކުރަން ނިންމީ 284 ޝަކުވާއެވެ. އަދި ކޮމިޝަނުގެ މެންޑޭޓުގައި ނުހިމެނޭތީއާއި އެހެން އިދާރާތަކަށް ފުރަތަމަ ހުށަހަޅަންޖެހޭ މައްސަލަތަކަށްވާތީ 305 ޝަކުވާއެއް ތަހުގީގު ނުކުރުމަށް ވަނީ ނިންމާފައެވެ. އެފަދަ މައްސަލަތައް ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށާއި، މައްސަލަ ބެލުން ލަސްވާނަމަ ނުވަތަ ނިންމި ގޮތާމެދު ހިތްހަމަނުޖެހޭނަމަ އަލުން ހުށަހެޅުމަށް ލަފާދީފައިވާއިރު، ބައެއް މައްސަލަތައް ކޮމިޝަނުން ސީދާ އެ އިދާރާތަކުގެ ސަމާލުކަމަށްވެސް ވަނީ ގެންގޮސްފައެވެ.
މިއަހަރުގެ ތެރޭގައި ކުރީ އަހަރުތަކުގެ 199 މައްސަލައާއެކު ޖުމްލަ 297 މައްސަލައެއް ތަހުގީގުކޮށް ނިންމައި ފައިލްކޮށްފައިވާއިރު، އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖުލައި މަހު (61 މައްސަލަ) އާއި އޯގަސްޓް މަހު (48 މައްސަލަ) އެވެ. އެޗްއާރުސީއެމުން ބުނި ގޮތުގައި މިއަހަރު ބަލަން ނިންމި މައްސަލަތަކުގެ 72 އިންސައްތަ މައްސަލަ 90 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމާފައިވާއިރު، މިއަހަރު ހުށަހެޅި މައްސަލަތައް އެވްރެޖުކޮށް 70 ދުވަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. މިހާރު މިއަހަރުގެ ޝަކުވާތަކުގެ ތެރެއިން ނުނިމި އޮތީ 188 މައްސަލައެވެ. ނަމަވެސް ކުރީގެ އަހަރުތަކުން ވާރުތަވެފައިވާ 415 މައްސަލައެއްގެ ތަހުގީގު އަދިވެސް ނުނިމިވާކަމަށާއި، އޭގެ ތެރޭގައި 2 އަހަރަށްވުރެ ގިނަ ދުވަސްވީ 102 މައްސަލަ ހިމެނޭތީ އެ މައްސަލަތައް ނިންމުމަށް އިތުރު ސަމާލުކަމެއް ދެމުންދާ ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ ސިއްހީ ދާއިރާއާ ގުޅުންހުރި 104 ޝަކުވާއެވެ. މީގެއިތުރުން ފުލުހުން އަނިޔާކުރާ ކަމަށްބުނާ 23 މައްސަލައަކާއި ބަންދުގައި ތިބޭ މީހުންގެ ހައްގުތަކާ ގުޅޭ 21 ޝަކުވާއެއް ހުށަހެޅުނެވެ. ކޮމިޝަނުން ތަހުގީގު ކުރަން ނިންމި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބަންދުގައި ތިބި މީހުންގެ ސިއްހަތާ ގުޅުންހުރި މައްސަލަތަކެވެ. އޭގެ ތެރޭގައި ކަމާގުޅޭ ހާއްސަ ޑޮކްޓަރުންނަށް ނުދެއްކުމާއި، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ފަރުވާ ނުލިބުމާއި، އާންމު ސިއްހަތާއި ފަރުވާކުޑަވުމުގެ މައްސަލަތައް ހާއްސަކޮށް ފާހަގަކުރެވިފައިވެއެވެ.









