ބައެއް ސިޔާސީ ޕާޓީތަކުން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަދައްކައި، މުޖުތަމައުގައި ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަޔާނެއް ނެރެފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި (ނަންބަރު: CS-r160/81606868) ފާހަގަކޮށްފައިވާ ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައި ބާއްވާ އެއްވުންތަކުގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް މީޑިއާގެ ޒަރީއާއިން އާންމުވަމުންދާއިރު، އޭގެ ސަބަބުން މީހުންގެ މެދުގައި ނަފުރަތު އުފެދި، ހަމަނުޖެހުމަށް ހިތްވަރު ލިބެމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްޤެއްކަން ފާހަގަކުރަމުން، އެޗްއާރުސީއެމްއިން ބުނީ މި ހައްގުގެ ބޭނުން ހިފަންވާނީ އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް، ވަކި ހުދޫދެއްގެ ތެރެއިން ކަމަށެވެ.
"މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަންތައްތަކެއް،" ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އެޗްއާރުސީއެމްއިން ވަނީ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް ގޮވާލާފަ އެވެ. އަދި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން މިކަންކަމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާ ފަދަ އަމަލުތަކުން ދުރުހެލިވުމަށާއި، އާންމު މަސްލަހަތު އިސްކޮށް ސުލްހަވެރިކަމާއެކު ހަރަކާތްތައް ރޭވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ކޮމިޝަނުން ވަނީ ބާރުއަޅާފަ އެވެ. ހަމައެއާއެކު، ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ރާއްޖޭގައި މިވަގުތު ސިލްސިލާކޮށް މުޒާހަރާކުރަމުންދަނީ އެމްޑީޕީ އަދި ޕީއެންއެފް އިންނެވެ. މި ސަރުކާރުން ހިޔާލުފާޅުކޮށް މުޒާހަރާކުރުމަށް ޖުމްލަ ފަސް ތަނެއް ކަނޑައަޅުއްވާފައިވާއިރު އެ ސަރަހައްދުތަކުގެ ބޭނުން ނުހިފާކަން ފާހަގަކޮށްލެވެ އެވެ. އާންމުންނަށް އުނދަގޫވާގޮތަށް އަދި އިސްލާމީ މިންގަނޑުން ބޭރުން މުޒާހަރާ ކުރުމުގައި އަމަލުތައް ނުބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.









