މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި ދިވެހި ފިރިހެނަކު، ބަންދު ގޮޅީގެ ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ 24 އޭޕްރީލް ވީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ ހަބަރު ހުސްވެފައި އޮއްވާ ފެނުމާއެކު ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށާއި، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ދެނެގަތުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކަށް މިހާރު ވަނީ އަންގާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މީހަކު ނިޔާވި މި މައްސަލަ ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.









