ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވާ މެމްބަރުކަމުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ހިމަނުއްވާފައިވާ ދެ ބޭފުޅުންނަކީ:
- ހ. މީނާޒު، ޝަމްއޫން ހަމީދު
- ގދ. ތިނަދޫ، އަސޭގެ، އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބު
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލެއްވީ، މިހާރު އެ ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ދައުރު ހަމަވާތީއެވެ. އެގޮތުން، މިހާރުވެސް އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބުގެ މަގާމުގެ ދައުރު އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަށް ހަމަވާނެއެވެ. މަޖިލީހަށް ނަން ފޮނުއްވި އަނެއް ބޭފުޅެއް ކަމުގައިވާ ޝަމްއޫން ހަމީދަކީ މީގެ ކުރިންވެސް އެޗްއާރްސީއެމްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކުރެއްވުމަށްޓަކައި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަނުކުރެވޭނީ، ކޮމިޓީން އެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.









