މާލެ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އަށްވުރެ ގިނަ އުޅަނދު މިހާރުވެސް މާލޭގައި ދުއްވަމުންދާކަން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ (އައިޔޫއެމް) ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ނުވަތަ އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ހެދި ދިރާސާގައިވާ ގޮތުން، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ހިފަހައްޓަން ފެންނަނީ 89،413 ގައެވެ. ނަމަވެސް، މިހާރުވެސް މި ސަރަހައްދުގައި 119،472 އުޅަނދު ދުއްވަމުންދާއިރު، މިއީ ކަނޑައަޅަން ފެންނަ އަދަދަށްވުރެ 30،059 އުޅަނދު އިތުރު އަދަދެކެވެ.
މި ދިރާސާއިން އެނގޭ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އަމިއްލަ ދަތުރުފަތުރަށް ބޭނުންކުރާ ސައިކަލާއި ކާރެވެ. އެގޮތުން ދުއްވާ 119،472 އުޅަނދުގެ ތެރޭގައި 103،300 ސައިކަލާއި 7،505 ކާރު ހިމެނޭއިރު، މިއީ މުޅި އުޅަނދުފަހަރުގެ 92.7 އިންސައްތައެވެ. ބާކީ 7.3 އިންސައްތައަކީ އިންޑަސްޓްރިއަލް އުޅަނދުތަކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ދިރާސާގައި ލަފާދީފައިވަނީ ސައިކަލުގެ އަދަދު 76،518 އަށް އަދި ކާރުގެ އަދަދު 5،610 އަށް މަދުކުރުމަށެވެ. މީގެއިތުރުން ޓްރެފިކް ތޮއްޖެހުމާއި ވައި ތަޣައްޔަރުވުން ކުޑަކުރުމަށް ގަވާއިދުތައް ތަންފީޒުކުރުމާއެކު، މާލެއާއި ހުޅުމާލޭގައިވާ 132،230 ސައިކަލު ޕާކިން ސްލޮޓާއި 7،163 ކާރު ޕާކިން ސްލޮޓު މެނޭޖުކުރުމަށް ޕާކިން ފީ ތައާރަފުކުރަންޖެހޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދޭންޖެހެނީ ސައިކަލާއި ކާރުގެ އަދަދު ކޮންޓްރޯލްކުރުމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައިވާ ގޮތުން، ވަކި ސަރަހައްދެއްގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާނީ އެސެސްމަންޓެއް ހެދުމަށްފަހު އެ ސަރަހައްދެއްގެ ކައުންސިލުންނެވެ. އެހެންކަމުން، އައިޔޫއެމްގެ ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ގޮތެއް ނިންމާނީ މާލެ ސިޓީ ކައުންސިލުން ކަމަށްވާއިރު، އެ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އަމަލުކުރަން ފަށާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަޝްވަރާގެ މަތިންނެވެ.









