ދިވެހިންނަށް ހާއްސަކޮށްފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށްޓަކައި ދިވެހިންގެ މައްޗަށް މިލްކުވެރިކަން ބަދަލުކުރާނަމަ، އެ ވިޔަފާރިން ނަފާ ލިބޭ ހަގީގީ ފަރާތާއި އަމަލީ ކޮންޓްރޯލް އޮންނަ ފަރާތް ވަރަށް ތަފްސީލުކޮށް ކަށަވަރުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގައި އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސްގެ ދަށުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ދާއިރާއެއް ވަނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ހާއްސަކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އިތުރުން، ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕަސެންޖަރ ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ހިދުމަތް ދެމުންދާ ބޭރުގެ ކުންފުނިތައް ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ދެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ނުވަތަ ވިޔަފާރި ހުއްޓާލުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ދެ ގޮތެއް ހުޅުވާލެވުނު ކަމަށާއި، އެއީ ކުންފުނީގެ ވިޔަފާރިކުރާ ދާއިރާ ބަދަލުކުރުން ނުވަތަ ކުންފުނީގެ މިލްކުވެރިކަން ދިވެހިންގެ މައްޗަށް ބަދަލުކުރުން ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ވިޔަފާރިތަކަށް ދިން މުއްދަތު މިހާރު ހަމަވެފައިވާއިރު، ގިނަ އަދަދެއްގެ ކުންފުނިތަކުން ވިޔަފާރީގެ ދާއިރާ ބަދަލުކުރުމަށާއި، ހިއްސާ ދިވެހިންނަށް ބަދަލުކުރުމަށް އެދި އިގްތިސާދީ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އެ މިނިސްޓްރީން މިހާރު ދަނީ މިގޮތަށް ލިބިފައިވާ ލިޔެކިޔުންތައް ދިރާސާކޮށް ގޮތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އުސޫލުތަކަށް ފެއްތުމުގެ މަރުހަލާގައިވާ ކުންފުނިތަކުން އެންގުންތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހިއްސާ ބަދަލުކޮށްގެން މިލްކުވެރިކަން ބަދަލުކުރާ ހާލަތްތަކުގައި، ހަގީގީ އަދި މާނަހުރި ގޮތެއްގައި ދިވެހިންގެ ބައިވެރިވުން އޮތްކަން ކަށަވަރުކުރުމަށް އިގްތިސާދީ ވުޒާރާއިން ހާއްސަ ކަންތައްތަކެއް ބަލާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މިލްކުވެރިކަން ބަދަލުވާ މިންވަރާއި އޭގެ ބާވަތް
- ހިއްސާ ގަތުމަށް ފައިސާ ހޯދި ގޮތާއި ފައިނޭންސް ކުރި ގޮތް
- ވިޔަފާރިން ޙަޤީޤީ ނަފާ ލިބޭ ފަރާތާއި ޢަމަލީ ކޮންޓްރޯލް އޮތް ފަރާތް
- ކުރީގެ ބޭރު ހިއްސާދާރު ނުވަތަ ގުޅުންހުރި ފަރާތެއްގެ އެއްވެސް އިހްތިޔާރެއް ނުވަތަ މަސްލަހަތެއް ދެމިއޮތް މިންވަރު
މިކަންކަން ސާބިތުކޮށްދިނުމަށްޓަކައި ކަމާގުޅޭ ތަފްސީލީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ފިޔަވަޅުގެ މައިގަނޑު ބޭނުމަކީ ކަރުދާސްމަތިން ނުވަތަ ހަމައެކަނި ނަމަކަށް ހިއްސާ ބަދަލުކުރުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތުގެ ހަގީގީ މަގްސަދު ހާސިލުކޮށް، ވިޔަފާރީގެ އަމަލީ މިލްކުވެރިކަން ދިވެހިންނަށް ލިބިގެންދާކަން ކަށަވަރުކުރުމެވެ.
މީގެއިތުރުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ދީފައިނުވާ ވިޔަފާރިތަކަށް ރަސްމީ ނޯޓިސް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރިއެވެ. އަދި އެފަދަ ނޯޓިސްތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުއްދަނެތް ހުރިހާ މުއާމަލާތްތަކާއި ވިޔަފާރި ހަރަކާތްތައް ހުއްޓާލުމަށް އަންގައި، އެކަންކަމަށް އަމަލުނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.




