އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން ރާއްޖޭގައި އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ފަހުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެ މުއްދަތު ހަމަވެގެން ދައުލަތަށް ނަގާ ދުވަސްވީ އުޅަނދުތަކަށް އެކަށީގެންވާ އަގެއް ނުވަތަ ބަދަލެއް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 31 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވި މި ގާނޫނުގައިވާ ގޮތުން، ގަވާއިދުން އިސްތިސްނާ ކުރެވޭ ހާއްސަ ގިންތީގެ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް 20 އަހަރަށްވުރެ އިތުރަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
އައު ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވިސްނުންފުޅަކީ ރައްޔިތުންނަށް އިތުރު ބުރައެއް ނުޖެހޭނެ ގޮތަކަށް އަމަލުކޮށް، ރާއްޖެއަކީ އަމާން ގައުމަކަށް ހެއްދެވުން ކަމަށެވެ. އެހެންކަމުން ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގެ ބާބު ތަންފީޒު ކުރުމުގެ ކުރިން ތިން އަހަރު ދުވަހުގެ އިނާޔަތްތެރި މުއްދަތެއް ދިނުމަށް ގާނޫނުގައި ހިމަނާފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު އުޅަނދުތައް ނަގާއިރު، ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ތަކުލީފަކަށް ނުވާނެފަދަ މެދު މިންގަނޑެއް ހިޔާރުކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އައު ގާނޫނުގައިވާ ގޮތުން އުޅަނދަކަށް 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. ނަމަވެސް، އެފަދަ އުޅަނދުތަކުގެ ވެރިފަރާތްތަކުގެ ކިބައިން އުޅަނދު ގަތުމަށްޓަކައި ގަވާއިދުގެ ތެރެއިން ހާއްސަ ޕްރޮގްރާމެއް ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިދީފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން އުޅަނދު އަގުކުރާނެ މިންގަނޑުތަކާއި، ވެރިފަރާތަށް ބަދަލު ނުވަތަ ފައިސާ ދޫކުރާނެ އުސޫލުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތްތައް ހެދޭ ގަވާއިދުގައި ވަނީ ހިމަނަންޖެހިފައެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ މަގުސަދުގައި ކަމަސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މިދިޔަ އަހަރުގެ އޭޕްރިލް މަހު އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީއަށް ބަލާއިރު ރެޖިސްޓްރީ ކުރެވެންޖެހޭ އަދަދަށްވުރެ އިތުރަށް 30،000 އަށްވުރެ ގިނަ އުޅަނދު މިހާރު ވެސް މާލޭގެ މަގުތަކުގައި ދުއްވަމުންދާކަން މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ.









