ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓަމުންދާ އެޕާޓްމަންޓް އިމާރާތްތަކުގެ ބެލްކަންޏާއި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެޗްޑީސީން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ނުވަތަ ރައްކާތެރިކަމުގެ ޖާލި ހަރުކޮށްދީފައެވެ.
މި މަސައްކަތާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކަށާއި، ހާއްސަކޮށް ކުޑަކުދިންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމުގެ މުހިންމު މަގުސަދުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އުސް އިމާރާތްތަކުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ހުޅުމާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނާއި، ހާއްސަކޮށް އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.
މީގެއިތުރުން، މިފަދަ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައިވެސް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މި އެހީތެރިކަމަށް އެދެން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޚާއްސަ އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.









