ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އިބްރާހިމް މާހިރު، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔަރ ކުރެއްވުމަށް ނިންމަވައި، އެކަމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޒް އިބްރާހިމް މާހިރު އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ. އަދި އޭނާ ޝަރުއީ ދާއިރާގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީވެސް ފެމިލީ ކޯޓުގައެވެ. އެގޮތުން ފެމިލީ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ހައިކޯޓުގެ އިދާރާއިން ވަނީ ޝަރުއީ ދާއިރާއަށާއި ހައިކޯޓަށް އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، އޭނާގެ މަސައްކަތްޕުޅުގެ އަގުވަޒަންކޮށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.









