ދަށު ކޯޓުން ސާބިތު ނުވި، ގުރޭޑު 7 ގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ހައިކޯޓުން ބަލައި އިސްލާމް މުދައްރިސަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލަ އަކީ މީގެ 10 އަހަރު ކުރިން ހުށައަޅާފައިވާ މައްސަލަ އަކަށް ވީ އިރު، އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މި ދަައުވާ ދަށު ކޯޓުގައި އެ ދުވަސްވަރު އިސްލާމް މުދައްރިސްގެ މައްޗަށް ސާބިތު ވެފައި އެއް ނުވެއެވެ.
މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި، އިސްލާމް މުދައްރިސް ޖިންސީ ގޯނާ ކޮށްފައި ވަނީ ގުރޭޑު 7 އަދި 8 ގައި އުޅުނު އަންހެން ދަރިވަރުންނަށެވެ.
މިފަދަ މައްސަލަތަކުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން އެފަރާތްތަކުގެ ވަނަވަރު ހާމައެއް ނުކުރެއެވެ. ކޯޓުގެ ގަޒިއްޔާއިން އެނގޭ ގޮތުގައި އެ އިސްލާމް މުދައްރިސަށް ކިޔަނީ މުހައްމަދު ޝަރީފެވެ.
ދަށު ކޯޓުގައި މި މައްސަލަ ސާބިތު ނުވުމުން، ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ 2024 ވަނަ އަހަރުއެވެ. މުހައްމަދު ޝަރީފް ވަނީ ދަރިވަރުންގެ ގައިގައި އަތް ލައި، ބައްދައި ހަދާފައި ވަނީ ޖިންސީ ނިޔަތެއްގައި ނޫން ކަމަށް ކޯޓުގައި ބުނެފައެވެ.
ދައުލަތުގެ ފަރާތުން ވަނީ އެ ދަރިވަރުންގެ ބަޔާންތަކާއި، މެޑިކަލް ރިޕޯޓުތަކާއި، ސްކޫލް ލީޑިން ޓީޗަރާއި އިތުރު ހެކިންގެ ތަހުގީގު ރިޕޯޓު ހުށައަޅާފައެވެެެެެެެެެެެެެެ.
މިދިޔަ އަންގާރަ ދުވަހު، ހައިކޯޓުން ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ޓީޗަރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށް، 15 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.









