ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށާއި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލައިފި އެވެ.
ހައި ކޯޓުގައި މި ވަގުތު ތއްބެވީ 11 ފަނޑިޔާރުންނެވެ. އަދި ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރެނު އިއުލާނުގައި ބުނެފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ފެމެލީ ކޯޓަށް އިސް ގާޒީ ކަމަށް ކުރިމަލުމަށް ހުޅުވާލާފައި ވަނީ ވެސް އެ ކޯޓުގެ ގާޒީންނަށް އެކަނި ކަމަށެވެ.
އެގޮތުން ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. އޭގެ ފަހުން އެބޭފުޅާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. އަދި އެއަށް ފަހު އިސް ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިމަތިލެއްވުމުން ޖޭއެސްސީން ވަނީ އެބޭފުޅާ އެ މަގާމަށް އައްޔަނުކޮށްފަ އެވެ.
ނަމަވެސް، ފަނޑިޔާރު ފައިސަލްއަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެބޭފުޅާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް ވަގުތީ ގޮތުން ކޯޓު ހިންގަވަމުން ގެންދެވީ ފައިސަލް އެވެ.
އަދި ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީއިރު އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް މާހިރު އެވެ. އެބޭފުޅާ ވެސް ވަނީ ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަނުކޮށްފަ އެވެ. އެގޮތުން ފެމެލީ ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.










