ނިމިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ޖުމްލަ 29 ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރައްވައިފިއެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހިނގި ހާދިސާތަކުގެ ހަފްތާ ރިޕޯޓުން ދައްކާ ގޮތުގައި، މުޅި ރާއްޖޭން ރިޕޯޓްކުރި މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ.
އެމްއެންޑީއެފްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މާލޭ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ 26 ހާދިސާއެއް ވަނީ ހިނގާފައެވެ. އަދި ސަދަން އޭރިއާގައި 2 ހާދިސާ ހިނގާފައިވާއިރު، ނޮދަން އޭރިއާއިން ރިޕޯޓްކޮށްފައިވަނީ 1 ހާދިސާއެވެ.
މި ހަފްތާގެ ތެރޭގައި ރިޕޯޓްކުރެވުނު ހާދިސާތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ ޖުމްލަ 12 ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާނުގެ ހާދިސާތަކުގެ އިތުރުން ދެން އެންމެ ގިނައިން ހިނގާފައިވަނީ ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި (ހަޒްމެޓް) ހާދިސާތަކެވެ. އެގޮތުން ހަޒްމެޓްގެ 11 ހާދިސާއެއް މި މުއްދަތުގައި ރިޕޯޓްކޮށްފައިވެއެވެ. މީގެއިތުރުން، ކުއްލި ހާލަތުގައި ބޭސްފަރުވާއަށް މީހުން އުފުލުމުގެ ނުވަތަ މެޑިކަލް އެވެކުއޭޝަންގެ 4 އޮޕަރޭޝަނެއް އެމްއެންޑީއެފުން ހިންގާފައިވާއިރު، އެކި ކަހަލަ ނުރައްކާތެރި ހާލަތްތަކުން މީހުން ސަލާމަތްކުރުމުގެ (ރެސްކިއު) 2 ހާދިސާއެއްވެސް ނިމިދިޔަ ހަފްތާގައި ވަނީ ހިނގާފައެވެ.
ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފްގެ ސިފައިން އަންނަނީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.









