ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ އިފްތިތާހީ ޖަލްސާއިން ފެނިގެންދިޔައީ ރާއްޖޭގެ ސިޔާސީ މައިދާނަށް އައިސްފައިވާ ބޮޑު އަދި ހެޔޮ ބަދަލެކެވެ. އެ ޖަލްސާގައި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެއްވެސް ހުރަހެއްނެތް މިނިވަންކަމަކާއެކު ބައިވެރިވެވަޑައިގެން އިންނެވި މަންޒަރަކީ މީގެ ހެއްކެކެވެ. ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަމަލީގޮތުން މުޅި ގައުމަށް ސާބިތުކޮށްދެއްވާފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޢިއްޒު އާއި ސަލާމް ކުރައްވަނީ: އެހެން ވެރިކަންތަކާއި ޚިލާފަށް ޑރ. މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކު ޖަލަށް ނުލާ.
ވޭތުވެދިޔަ ވެރިކަންތަކަށް ބަލާއިރު، ސިޔާސީ ތަފާތު ވިސްނުންތަކާއި ޚިޔާލުތަކުގެ ސަބަބުން ވާދަވެރި އިސް ޝަޚްޞިއްޔަތުންނާއި ލީޑަރުން ތިއްބަވަން ޖެހުނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކުން މީގެކުރިން އިވެމުންދިޔައީ ވާދަވެރިން ނައްތާލުމާއި ބިރުދެއްކުމުގެ އަޑުތަކެވެ. ނަމަވެސް، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ސިޔާސީ ބޭނުމަކަށްޓަކައި އެއްވެސް ލީޑަރަކު ނުވަތަ އާންމު ރައްޔިތަކު ޖަލުގައި ބަންދުނުކުރުމުގެ މައިގަނޑު ސިޔާސަތު ހިފަހައްޓަވައި، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނޭދެވޭ ސަގާފަތް ރާއްޖެއިން މުޅިން ފޮހެލައްވާފައެވެ.
ޕީއެންސީ އުފެދިގެން އައީ ދެ ޕާޓީ އެކުވެގެން ކަމަށްވާއިރު، އެ ޕާޓީގެ ޅަފަތުގައިވެސް ބޮޑެތި ގޮންޖެހުންތަކާއި ބިރުވެރިކަމާ ކުރިމަތިލާންޖެހުނުކަން ފަތުޙީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޕާޓީގެ އަސާސަކީ އިހުލާސްތެރިކަމާއެކު ގައުމީ ހިދުމަތުގައި ދެމިތިބުން ކަމަށްވާތީ، އެ ހުރިހާ ގޮންޖެހުންތަކަކުން ވަނީ އަރައިގަނެވިފައެވެ. މިއަދު ފެންނަމުންދާ އެކުވެރި ސިޔާސީ މާހައުލުގެ ތެރެއިން، ޕީއެންސީގެ މި ޖަލްސާގައި އެމްޑީޕީގެ އިތުރުން، އެމްއެންޕީ އަދި ޢަދާލަތު ޕާޓީގެ އިސް ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.









