މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން، މި ސަރުކާރުން އަތޮޅުތަކުގައި މީހުން ދިރިއުޅޭ 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްދާކަމަށް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ފަށާފައިވާ މަޝްރޫޢުތަކާއެކު މިވަގުތު ރާއްޖޭގެ ޖުމްލަ 54 ރަށެއްގައި 8،588 ހައުސިންގ ޔުނިޓުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިގެން ބާރަށް ކުރިއަށްދާ ކަމަށެވެ.
އަތޮޅުތަކުގައި ކުރިއަށްދާ މި މަޝްރޫޢުތަކުގެ ތެރޭގައި ފްލެޓާއި ރޯހައުސް އިމާރާތްކުރުމުގެ އިތުރުން، މާލީ ދަތިކަމާ ހުރެ އަމިއްލަ ބިންތަކުގައި ގެދޮރު އަޅަން ނުކުޅެދިފައިވާ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ގެތައް އިމާރާތްކޮށްދިނުން ވެސް ހިމެނެއެވެ. ސްޓޭޓް މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ބަޔަކީ މި ސަރުކާރުން އަލަށް ފެށި 6،363 ހައުސިންގ ޔުނިޓުގެ މަސައްކަތެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުން ހަވާލުކޮށްފައިވާ 2،250 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން ފާހަގަކުރައްވަމުން، މި ފަސް އަހަރުގެ ދައުރު ނިމެންވާއިރަށް މި ހުރިހާ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެއިތުރުން، ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުން އިޢުލާނުކޮށް، ގިނަ ރަށްތަކަށް މިހާރު ވަނީ ކޮންޓްރެކްޓަރުން ހަމަޖައްސައި އެކި މަރުޙަލާތަކުގައި މަސައްކަތްތައް ފަށާފައެވެ. އެގޮތުން؛
- 100 އިން ދަށުގެ ޔުނިޓު އެޅުމަށް 20 ރަށެއް
- 100 ޔުނިޓު އެޅުމަށް 12 ރަށެއް
- 150 ޔުނިޓު އެޅުމަށް 2 ރަށެއް
- 200 ޔުނިޓު އެޅުމަށް 9 ރަށެއް އަދި
- 200 އަށްވުރެ ގިނަ ޔުނިޓު އެޅުމަށް 14 ރަށަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އަމިއްލައަށް ގޯތި ބިނާކުރުމުގެ މާލީ ޤާބިލުކަން ނެތް ފަރާތްތަކަށް، އިސްލާމީ އުޞޫލުތަކުގެ ތެރެއިން ލުއިގޮތެއްގައި އަދި ހެޔޮ އަގެއްގައި ލޯނު ލިބޭނެ ގިނަ ފުރުޞަތުތަކެއްވެސް ސަރުކާރުން މިހާރު ވަނީ ފަހިކޮށްދީފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް އުންމީދީ އަދި ދެމެހެއްޓެނިވި ޙައްލެއް ގެނެސްދިނުމެވެ.









