ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް ތައާރަފުކުރަން ނިންމެވި "ގެދޮރުވެރިކަމުގެ އިކުއިޓީ ހިލޭ ދޭ ސްކީމް" ވެގެންގޮސްފައިވަނީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅަކަށެވެ.
މި ސްކީމަކީ އަމިއްލަ ބޯހިޔާވަހިކަމަށް އިތުރު ލުޔެއް ގެނެސްދޭނެ ސިޔާސަތެކެވެ. މި ސްކީމްގެ ދަށުން، އަމިއްލަ ބިމުގައި ގެދޮރު ބިނާކުރުމަށާއި، ފުލެޓް ނުވަތަ އެޕާޓްމަންޓް ގަތުމަށް ބޭންކްތަކުން ލޯނު ނަގާއިރު ދައްކަންޖެހޭ 5 އިންސައްތައިގެ އިކުއިޓީ (ޑައުންޕޭމަންޓް) ސަރުކާރުގެ ޚާއްޞަ ފަންޑަކުން ހިލޭ ފޯރުކޮށްދޭނެއެވެ.
މީގެކުރިން ބޭންކުތަކުން އިކުއިޓީގެ ގޮތުގައި 10 އިންސައްތަ ނަގަމުންދިޔަ ދިއުން ބަދަލުކޮށް، މިހާރު އެ އަދަދު 5 އިންސައްތައަށް ކުޑަކޮށްދީފައިވާއިރު، އެ ބައިވެސް ސަރުކާރުން ހިލޭ ދޭން ނިންމުމުން އާންމު ރައްޔިތުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ހުރަސް ނެތިގެންދާނެއެވެ.
މި އެހީއަކީ އަނބުރާ ދައްކަންޖެހޭނެ ފައިސާއަކަށް ނުވުމަކީ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަރުކާރުގެ މި ހިކުމަތްތެރި ނިންމެވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި ސްކީމްގެ ފުރިހަމަ ތަފްޞީލުތައް ހައުސިންގ މިނިސްޓްރީން ހާމަކުރައްވާނެއެވެ.
މިއަހަރުގެ ފަހުކޮޅު މި ސްކީމަށް ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މާތް މަގުސަދުގައި ނިންމެވި ނިންމެވުމެކެވެ.









