ޗައިނާގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާގެ ތެރެއިން ބާއްވާ ހަރަކާތްތައް ފަށައިފިއެވެ. މިއަހަރުގެ ސަމިޓް މިމަހުގެ 3 އިން 5 އަށް ކުރިއަށްދާއިރު، ސަމިޓް ހުޅުވުމުގެ ރަސްމީ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ސަމިޓްގެ ރަސްމީ ބައި ފެށުމުގެ ކުރިން ސަބް ފޯރަމްތައް މިހާރު ވަނީ ފަށާފައެވެ. މި ފޯރަމްތައް ކުރިއަށްދަނީ ޗައިނާގެ ގުއަންޖޯ، ޓޮންގްއަން، އަދި ޖުހާއީގައެވެ.
ގުއަންޖޯގައި ކުރިއަށްދިޔަ ސަބް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބްއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ސަބް ފޯރަމްގެ ތެރެއިން ދެ ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވާއިރު، އެ މަޝްވަރާތަކުގައި އަލިއަޅުވާލާފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ސިނާއީ އެއްބާރުލުން ބަދަހިކުރުމަށާއި، އާޓިފިޝަލް އިންޓެލިޖެންސްއަކީ ސަރަހައްދީ ތަރައްގީގެ އާ ބާރަކަށް ހެދުމާ ގުޅޭގޮތުންނެވެ. މި ޕެނަލް ޑިސްކަށަންތަކުގައި ސަފީރު ޑރ. ފަޒީލް ނަޖީބު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ސަބް ފޯރަމްތައް ރާވާފައިވަނީ ބައިވެރިންނަށް އެ ސަރަހައްދުތަކުގައި ހުންނަ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް، ތަފާތު ތަޖުރިބާތަކެއް ހާސިލުކުރެވޭނެ ގޮތަށެވެ. މިއަހަރުގެ ސަމިޓް އިންތިޒާމްކުރަނީ ސެންޓްރަލް ޕްރޮޕެގެންޑާ ޑިޕާޓްމަންޓާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރްމަންޓް ގުޅިގެންނެވެ.
"އޭޝިއާ ޕެސިފިކް މުޖުތަމައުގެ ކުރިއެރުމާއި ކާމިޔާބީއަށް މީޑިއާތަކުން އެއް ކަންތައްތަކަކަށް އެއްބަސްވެ އަމަލުން އެކަންކަމަށް މަގުކޮށުން" ނުވަތަ "ބިލްޑިންގ ދަ ރޯޑް ޓު ޕްރޮސްޕަރިޓީ އޮފް ދަ އޭޝިއާ ޕެސިފިކް ކޮމިއުނިޓީ ތުރޫ މީޑިއާ ކޮންސެންސަސް އެންޑް އެކްޝަން" ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓްގައި އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ 42 ގައުމަކުން 220 މީޑިއާއަކުން ބައިވެރިވެއެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މީޑިއާ ކުންފުނިތަކާއި، މީޑިއާ ދާއިރާއަށް ހާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އދ. ގެ އެޖެންސީތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތައް ތަމްސީލުކުރާ 400 އަށްވުރެ ގިނަ މަންދޫބުން މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައެވެ.









